ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މުދާ ދައުލަތަށް ނެގުމުގެ އަމުރަކަށް ކުރިމިނަލް ކޯޓުގައި ދައުލަތުން އެދެފިއެވެ. މިގޮތަށް ދައުލަތުން އެދިފައިވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާގެ އިބްތިދާއީ އަޑުއެހުމުގައެވެ. 

ރައީސް ޔާމީންގެ މައްޗަށް މި ދެ ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ. ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.

މި މައްސަލާގައި މިއަދު އިބްތިދާއީ އަޑުއެހުން ބާއްވާފައިވަނީ ރައީސް ޔާމީންގެ މައްޗަށް ދެ ދައުވާ އިއްވައި، ދައުވާ ސާފު ކުރުމަށްޓަކައެވެ. ނަމަވެސް އަޑުއެހުން ފެށުމާއެކު ރައީސް ޔާމީންގެ ފަރާތްޕުޅުން ލިޔުންތަކެއް ނުލިބޭ ކަމުގެ ޝަކުވާ އުފުލިއެވެ. މި ޝަކުވާއަކީ މީގެކުރިން ވެސް އެތައް އަޑުއެހުމެއްގައި އުފުލާފައިވާ ޝަކުވާއެކެވެ. އެކަމާ ހުރެ އަޑުއެހުންތައް ވަނީ ދިގުލައިގެން ގޮސްފައެވެ. 

ރައީސް ޔާމީންގެ އެދިވަޑައިގަންނަވަނީ ދައުވާއާ ގުޅޭ ލިޔުންތަކެއް ދައުލަތުގެ މުއައްސަސާތަކުން ހޯދުމަށެވެ. އެ ލިޔުންތަކަކީ ދައުވާގައި ހިމެނޭ ލިޔުންތަކެއް ނޫން ކަމުން އެ ހޯދައިދިނުމަކީ ދައުލަތުގެ ޒިންމާއެއް ނޫން ކަމަށް ދައުލަތުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް ޝަރީއަތުން އަމުރުކޮށްފިނަމަ އެކަން ކުރާނެ ކަމަށް ބުނެފައިވެއެވެ. ދައުލަތުގެ ވަކީލް މިއަދު ވިދާޅުވީ އެ ލިޔުންތަކާ ގުޅޭ ހުށަހެޅުމެއް، ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހަޅުމެއްގެ ގޮތުގައި ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް ރައީސް ޔާމީންގެ ވަކީލް ޝިޔާޒު ވިދާޅުވީ ޝަރީއަތް ފެށުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ވެސް ހުށަހެޅޭނީ އެ ލިޔުންތައް ލިބިގެން ކަމަށެވެ. 

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ފުރިހަމައަށް ޖަވާބުދާރީވެ ދިފާއު ވެވޭނީ އެ ލިޔުންތައް ލިބިގެން ކަމަށެވެ. އެ ލިޔުންތައް ލިބުމަކީ އެމަނިކުފާނަށް ގާނޫނު އަސާސީއިން ލިބިދީފައިވާ ހައްގެއް ކަމަށާއި މީގެކުރިން ކުރިމިނަލް ކޯޓުގައި ކުރިއަށް ދިޔަ ޝަރީއަތުގައި ވެސް އެ ހައްގު އެމަނިކުފާނަށް ލިބިފައިނުވާ ކަމަށެވެ. އެ ލިޔުންތައް ނެތް ނަމަވެސް ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ އަހުމަދު ޝަކީލް ނިންމެވިއެވެ. އަދި ދައުވާ އިއްވުމަށް އެންގެވިއެވެ. 

އެއާއެކު ދައުލަތުން ވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އިއްވާފައެވެ. އެ ދައުވާ ސާބިތުވެއްޖެނަމަ ތިން އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. އެ ދައުވާއާ ގުޅޭ އަމުރެއް ނެރެދިނުމަށް ވެސް އެދުނެވެ. ދައުލަތުން އެދުނީ ފުއްގިރި ކުއްޔަށް ދީގެން ރައީސް ޔާމީން ރިޝްވަތުގެ ގޮތުގައި ނެގި 1 މިލިއަން ޑޮލަރާއި އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި އާމްދަނީ އާއި ނުބައްދަލު މުދާ ދައުލަތަށް ނެގުމަށެވެ. 

އެ ދައުވާއާ ގުޅޭ ގޮތުން ރައީސް ޔާމީން ވިދާޅުވީ ދައުވާ އާއި އެމަނިކުފާނާ ގުޅޭ ގޮތެއް ސާފު ނުވާ ކަމަށާއި އެކަމަށްޓަކައި ލިޔުންތައް ވެސް މުހިންމުވާ ކަމަށެވެ. ގާޒީ ވަނީ ލިޔުންތަކުގެ ވާހަކަ ތަކުރާރު ނުކުރުމަށް އަންގަވާފައެވެ. 

ރައީސް ޔާމީންގެ ވަކީލް ޝިޔާޒު ވިދާޅުވީ ގާޒީ ލިޔުންތަކާ ގުޅޭ ގޮތުން ގޮތެއް ނިންމެވިނަމަ އެ ނިންމުން ލިޔުމުން ބޭނުންވާ ކަމަށެވެ. އެ ނިންމުން އިސްތިއުނާފު ކުރުމަށް ބޭނުންވާ ކަމަށެވެ. ގާޒީ ވިދާޅުވީ ނިންމުންތައް ލިޔުމުން، އެ ލިބެން ޖެހޭ މަރުހަލާގައި ލިބޭނެ ކަމަށެވެ. އެއާއެކު ވަކީލް ވަނީ ލިޔުމުން އެ ނިންމުން ނުލިބޭނަމަ، ޝަރީއަތުގައި ދެން އިތުރަށް ވާޙަކަ ނުދައްކަވާނެ ކަމަށް ވިދާޅުވެފައެވެ. އެއާއެކު ގާޒީ ވަނީ ޝަރީއަތުގައި ގާޒީ އަންގަވާ އެންގުންތަކަށް ތަބާވެ، ޖަވާބުދާރީވާން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. 

ދައުވާ ސާފު ނުވާ ކަމަށް ވިދާޅުވެ، ރައީސް ޔާމީން ވަނީ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެ ވާހަކަތަކަށް ދައުލަތުން ޖަވާބު ވެސް ދިނެވެ. އެހެންވެ، ގާޒީ ވަނީ ދައުވާ ސާފު ކުރުމަށް އެކަށީގެންވާ މަސައްކަތް ކުރެވިފައިވާ ކަމަށް ކަނޑައަޅާފައެވެ. އަދި ދެން އޮންނަ އަޑުއެހުމެއްގައި ދައުވާއަށް ޖަވާބުދާރީވުމަށް ރައީސް ޔާމީނަށް އަންގަވާފައެވެ. 

ދައުލަތުން ވަނީ ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ މަނީ ލޯންޑްރިންގެ ދައުވާ ވެސް މިއަދު އިއްވާފައެވެ. އެ ދައުވާ ވެސް ސާފު ނުވާ ކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފަރާތުން ގިނަ ކަންކަންތައްތަކެއް ފާހަގަ ކުރެއްވިއެވެ. އެގޮތުން އެމަނިކުފާނުގެ ނުފޫޒެއް އޮތްކަން ފުއްގިރި މައްސަލާގައި ހިނގާފައިވާ މުއާމަލާތްތަކުން އެނގިގެން ދަނީ ކިހިނެއްތޯ ތަކުރާރުކޮށް ސުވާލު އުފެއްދެވިއެވެ. ދައުލަތުން ވަނީ އެކަމަށް ޖަވާބު ދީފައެވެ. އެ ދައުވާ ވެސް އެކަށީގެންވާ ގޮތުގައި ދައުލަތުން ސާފުކޮށްދީފައިވާ ކަމަށް ކަނޑައަޅައި، ދައުވާއަށް ޖަވާބުދާރީވުމަށް ދެން އޮންނަ އަޑުއެހުމެއްގައި ތައްޔާރުވުމަށް ގާޒީ އެންގެވިއެވެ. ގާޒީ ވިދާޅުވި ގޮތުގައި މި މައްސަލާގައި ދެން އަޑުއެހުމެއް އޮންނާނީ މި މަހުގެ 31 ވަނަ ދުވަހު ކަމަށެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.