ގއ.ވިލިނގިލީ ފުޓްސެލް ދަނޑުގައި ރޯކޮށްލި މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ. 

މިއަދު ޓްވީޓް ކުރައްވަމުން ސައުދު ވިދާޅުވީ، ވިލިނގިލީ ފުޓްސަލް ދަނޑުގައި ރޯކޮއްލުމަކީ ވަރަށް ގޯސް އަމަލެއްކަމަށެވެ. އެކަން ތަހުގީގު ކުރަންޖެހޭ ކަމަށާއި އަދި ޒިންމާވާންޖެހޭ ފަރާތްތަކަށް ގާނޫނީ ފިޔަވަޅު އަޅަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. އިތުރަށް ސައުދު ވިދާޅުވީ، ވިލިނގިލީގެ ޒުވާނުންނަށް ދިމާވެފަވާ ފުޓްސެލް ދަނޑުގެ ދަތިކަމަށް އަވަސް ހައްލެއް ހޯދުމަށް ސަރުކާރާއި ގުޅިގެން މަސައްކަތް ކުރަމުންއަންނަ ކަމަށެވެ.

ގއ. ވިލިގިނގިލި ދަނޑުގައި އަޅާފައި އޮތް މެޓުގައި ރޯކޮށް، ބޮޑެތި ގެއްލުންތަކެއްދީފައިވަނީ މިދިޔަ ހޯމަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވިޑިއޯއިން ފެންނަގޮތުގައި މެޓުގައި އަލިފާން ރޯކުރާއިރު، އަލިފާން ނުހިފުމުން ފަނުގައި ރޯކޮށް، މެޓު ގަނޑުގައި ރޯކުރުމަށް މަސައްކަތް ކުރެ އެވެ. އަދި އެ މަންޒަރު ބެލުމަށް ބަޔަކު ތިބޭއިރު، އެކަމަށް ހިތްވަރުދޭ އަޑުވެސް އިވެ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ދަނޑުގައި ރޯކޮށްލީ މެޓް ދަނޑު ޓާރފް ދަނޑަކަށް ބަދަލުނުކޮށްދިނުމާއި ގުޅިގެންނެވެ. މި ހާދިސާއާއި ގުޅިގެން ޓްވީޓް ކުރައްވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓް އަހްމަދު މަހްލޫފް ވިދާޅުވީ، ވިލިނގިލީގައި މިހާރުވެސް ބޮޑު ދަނޑު އެޅުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ. ކޮވިޑް-19ގެ ސަބަބުން މަސައްކަތް ލަސްވި ނަމަވެސް އެ މަސައްކަތް މިހާރުވެސް ކުރިއަށް ދާ ކަމަށް ވިދާޅުވިއެވެ.

އިތުރަށް މަހްލޫފް ވިދާޅުވީ، ފުޓްސެލް ދަނޑު ޓާރފް ދަނޑަށް ބަދަލު ނުކުރަން ނިންމީ ބޮޑު ދަނޑެއް އެޅުމުގެ މަސައްކަތް ކުރިއަށް ދާތީ އެހެން ރަށްރަށަށްވެސް ފުރުސަތު ދިނުމުގެ ގޮތުންކަމަށެވެ. އަދި މެޓް ދަނޑުގައި ރޯކޮށްލިކަމުގައި ވީ ނަމަވެސް، ޓާރފް ދަނޑަށް ބަދަލުނުކޮށްދޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.