މޯލްޑިވްސް ކަރެކްޝަން ސާވިސަސް އިން ބަލަހައްޓާ 4 ޖަލުގައި މިހާރުވެސް ބަންދު ކޮށްފައިވާ ގައިދީންގެ ނިސްބަތައް ބަލާއިރު، 70 އިންސައްތަ ގައިދީންނަކީ މަސްތުވާތަކެއްޗާ ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ ގައިދީން ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ވިދާޅުވެއްޖެއެވެ.
ކަރެކްޝަނާއި, ނޭޝަންސް އޮފިސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ޖަލު އޮފިސަރުންނަށް ބޭސިކް ސައިކޯސޯޝަލް އެޑިއުކޭޝަން އަދި ޑްރަގް އެޑިއުކޭޝަން އެވެއާނެސް ޕްރޮގްރާމު ނިންމާ، ބޭއްވި ރަސްމިއްޔާތުގައި ވާހަހަކަދައްކަވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދު ފުޅު ވިދާޅުވީ، ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށްޓަކައި ނެޝަނަލް ލެވެލްގައި މަޝްވަރާތައް ކޮށް، ގިނަ ކަންކަން ކުރެވެމުން ދާ ކަމަށެވެ.
ނަމަވެސް އެކަށީގެންވާ ހައްލުތަކެއް އަދި ނުފެންނަ ކަމަށާއި، އޭގެ ސަބަބަކީ މުޖްތަމައު ތެރޭގައި އަދި ޖަލުތަކުގެ ތެރޭގައިވެސް މިކަން ފެތުރިފައިވާލެއް ބޮޑުކަމުންކަމުގެ އިތުރުން އޭގެއިން ކުރާ ނޭދެވޭ އަސަރު ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.
ޖަލުތަކުގައި ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ އިތުރުން ސަޕްލައި ހުއްޓުވުމަށްވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ފާހަގަ ކުރައްވަމުން ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވީ، ކަރެކްޝަނުން ޝާއިއު ކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި އަހަރުގެ ފުރަތަމަ 6 މަސްދުވަސް ތެރޭގައި ގާތްގަނޑަކަށް ބައި ކިލޯގެ މަސްތުވާތަކެތި އެކި އެކި އޮޕަރޭޝަންތަކުން އަތުލައިގަނެވިފައިވާ ކަމަށެވެ.
"އެމްސީއެސް ބަލަހައްޓާ ހަތަރު ޖަލުގައި މިހާރުވެސް ބަންދުކުރެވިފައިވާ ގައިދީންގެ ނިސްބަތައް ބަލާއިރު 70 އިން ސައްތަ ގައިދީންނަކީ މަސްތުވާތަކެއްޗާ ކޮންމެވެސް ބާވަތެއްގައި ޝާމިލްވާ ގައިދީން" ކޮމިޝަނާ އޮފް ޕްރިޒަންސް ވިދާޅުވިއެވެ.
ޖަލުތަކަށް މަސްތުވާތަކެތި ވަންނަ ގޮތްތައް އިތުރަށް ދިރާސާކުރަމުން ދާއިރު، ރާއްޖޭގައި ޖަލުތައް ހަދާފައިވާ ގޮތުން، ޖަލުތަކުގެ ސަލާމަތާ ރައްކާތެރިކަން ބެލެހެއްޓުމުގައި ބައެއް އަސާސީ ސިފަތަކާއި ކަންތައްތައް ނެތުމުން ދަތިތަކާ ކުރިމަތިލާންޖެހޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ. އެގޮތުން ޖަލުތަކުގެ ވަށާފާރު ނެތުމާއި ބޭނުންވާ ބައެއް ޒަމާނީ އާލާތްތައް ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ.
ކޮމިޝަނާ އޮފް ޕްރިޒަންސް އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ސަބަބުން ގައިދީން އެއްތަނުން އަނެއްތަނަށް އުފުލުން 1 އިންސައްތައަށް މަދުކުރި ނަމަވެސް ޖަލަށް ވެއްދުން މަނާތަކެތި ވަންނަ ކަމަށާއި، އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ބަލާއިރު، އޮޕަރޭޝަންތަކުން 178 މޮބައިލް ފޯނު އަތުލާގަނެވިފައިވާ ކަމަށެވެ.
މީގެއިތުރުން މި ކަންތައްތައް ހައްލުކުރުމަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުންވާކަމީ ހިތާމަހުރިކަމެއް ކަމަށްވެސް ކޮމިޝަނާ އޮފް ޕްރިޒަންސް ވަނީ ވިދާޅުވެފައެވެ.