ލޯކަލް ކައުންސިލް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ވެސް ބޭއްވޭނެ ގޮތަށް ގާނޫނަށް އިސްލާހު ފާސްކުރުމަށް ދައުރުން ބޭރު ޖަލްސާއެއް މި މަހުގެ 13 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ. ސަރުކާރުގެ ފަރާތުން އެ އިސްލާހު މަޖިލީހަށް ހުށަހަޅައި ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެދިފައިވަނީ އެމްޑީޕީއިންނެވެ. 

ސަރުކާރުގެ ފަރާތުން މި އިސްލާހު މަޖިލީހަށް ހުށަހަޅުއްވާފައިވަނީ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒެވެ. ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް އެދިފައިވަނީ މިއީ ވީހާވެސް އަވަހަކަށް ފާސްކުރަން ޖެހޭ އިސްލާހެއް ކަމަށްވާތީއެވެ. 

މަޖިލީހުގެ މި އަހަރުގެ ފުރަތަމަ ދައުރު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހުއެވެ. 

ލޯކަލް ކައުންސިލް އިންތިހާބު އެންމެ ފުރަތަމަ ބޭއްވުމަށް ހަމަޖެއްސީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ. ނަމަވެސް ކޮވިޑާއެކު އައި ލޮކްޑައުންއާ ގުޅިގެން އިންތިހާބު ފަސްކުރިއެވެ. އެއަށްފަހު ކައުންސިލަރުންގެ ދައުރު ދަންމާލިއެވެ.

މިހާރު ވަނީ އިންތިހާބު ފަސްކުރުމާ ގުޅޭ ގާނޫނެއް ވެސް ހަދާފައެވެ. އޭގައިވާ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި އިންތިހާބެއް ނުބޭއްވޭނެއެވެ. އިލެކްޝަން ކޮމިޝަނުން ދިޔައީ މާޗް މަހު އިންތިހާބު ބޭއްވުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެ ތާރީހެއް އިންތިހާބު ބޭއްވޭ ގޮތެއް ނުވިއެވެ.

ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އިއްޔެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ދިމާވެފައިވާ ޤާނޫނީ ބައެއް ހުރަސްތަކަށް ޙައްލު ހޯދުމަށް ލޯކަލްކައުންސިލްތަކުގެ އިންތިޚާބުގެ ޚާއްޞަ ޤާނޫނު 2020އަށް އިޞްލާޙުގެނައުމަށް ކަމާބެހޭ ބިލެއް ސަރުކާރުން އެކުލަވާލަމުންދާ ކަމަށެވެ. އެބިލު ވީހާވެސް އަވަހަކަށް މަޖިލީހަށް ހުށަހަޅާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދު އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުން ތަރައްގީ ކުރާ ކޮމިޓީތަކުގެ އިންތިހާބު އޭޕްރީލް މަހު އޮންނާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ގާނޫނު ބަދަލުކޮށްގެން ވިޔަސް އިންތިހާބު އަވަހަށް ބޭއްވުމަށް ގޮވާލައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.