އެމެރިކާގެ ވެރިރަށް ވޮޝިންޓަންގެ ކެޕިޓަލް ހިލްއަށް ވަދެގަނެ ގާނޫނު ހަދާ މަޖިލީހުގެ ތެރެއަށް ވަދެ ރިޔާސީ އިންތިހާބުން ބަލިވި ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން ހިންގި ހަމަނުޖެހުންތަކާއި ގުޅިގެން ދުނިޔޭގެ ލީޑަރުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ. 

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ ކެޕިޓަލް ހިލްގައި ހިނގައިދިޔަ ހަމަނުޖެހުންތަކަކީ ލަދުވެތި ކަމެއްގެ ގޮތުގައި ސިފަކޮށްފައެވެ. އެެމެރިކާގެ އަސާސްތައް ބައްޓަންވެފައި ވަނީ ޑިމޮކްރަސީގެ މައްޗަށް ކަމަށާއި އަދި އިންތިހާބީ ރައީސް ޖޯ ބައިޑެންއާ ވެރިކަން ހަވާލުކުރުމުގެ ކަންކަން ސުލްހަވެރިކަމާއެކު ކުރަން ޖެހޭ ކަމަށް ވެސް ބޮރިސް ވިދާޅުވިއެވެ. 

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށްވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ ގާނޫނާއި ޚިލާފަށް ކުރިޔަށް ގެންދާ މުޒާހަރާތަކުގެ ސަބަބުން ޑިމޮކްރަޓިކް ނިޒާމަށް ގުޑުން އަރައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. 

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރުޑޫ ވަނީ އެމެރިކާގައި ޑިމޮކްރަސީގެ ހަމަތައް ދަމަހައްޓަން ޖެހޭ ކަމަށް ވިދާޅުވެ ރައްޔިތުންގެ ނިންމުން ބަދަލުކުރުމަށް ބާރުގެ ބޭނުންކުރި ނަމަވެސް އެކަން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައެވެ. 

ނޭޓޯގެ އެންމެ އިސްވެރިޔާ ވެސް ވަނީ އިންތިހާބުގެ ނިންމުމަށް ހުރިހާ އެންމެން ވެސް އިހުތިރާމް ކުރުމަށް ގޮވާލައްވާފައެވެ. 

ތުރުކީގެ ފޮރިން މިނިސްޓަރު ވަނީ އެމެރިކާގައި ހިނގަމުންދާ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވިދާޅުވެ ހުރިހާ ފަރާތްތަކުން ވެސް ސުލްހަވެރިކަމަށް ޖާގަ ދިނުމަށް ގޮވާލައްވާފައެވެ. އަދި ގާނޫނާއި ޑިމޮކްރަސީގެ ތެރެއިން ކަންކަން ހައްލު ކުރެވޭނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. 

ޔޫރަޕިއަން ޔޫނިއަންއިން ވެސް ވަނީ އެމެރިކާގެ އިންތިހާބު ކާމިޔާބު ކުރެއްވީ ޖޯ ބައިޑެން ކަމަށް ވިދާޅުވެ އެމަނިކުފާނާއެކު މަސައްކަތްކުރަން ތައްޔާރަށް ތިބި ކަމަށް ހާމަކޮށްފައެވެ. އަދި ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިޔަށްދާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް އީޔޫއިން ވަނީ ބުނެފައެވެ. 

ހަމައެހެންމެ ފްރާންސްގެ ބޮޑުވަޒީރު އެމާނުއެލް މެކްރޯން އަދި އޮސްޓްރޭލިއާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ ލީޑަރުން ވެސް ވަނީ ޑޮނާލްޑް ޓްރަމްޕްގެ ސަޕޯޓަރުން ކެޕިޓަލް ހިލްގައި ހިންގި ހަމަނުޖެހުންތައް ކުށްވެރިކޮށް ސުލްހަވެރިކަމާއެކު ވެރިކަން ބަދަލުކުރުމުގެ މަރުހަލާ ކުރިޔަށް ގެންދިޔުމަށް ގޮވާލައްވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.