ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިން އަދި ރިޝްވަތުގެ ދައުވާގެ އަޑުއެހުމެއް މިއަދު ކުރިމިނަލް ކޯޓުން ތާވަލުކޮށްފިއެވެ. އަޑުއެހުން ތާވަލުކޮށްފައިވަނީ މެންދުރުފަހު 2:00 އަށެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެންނެވެ.
ޕީޖީ އޮފީހުން ބުނީ، ރައީސް ޔާމީން ވަނީ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަގުތެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފަ ކަމަށެވެ.
ރައީސް ޔާމީން މިހާރު ވެސް ހުންނެވީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއްގައެވެ. އެ ޖަލު ހުކުމް އައީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރެއްވި ކަމުގެ ކުށް ސާބިތުވުމުންނެވެ. އެ މައްސަލާގެ އިސްތިއުނާފު ޝަރީއަތް މިހާރު ހައިކޯޓުގައި ދަނީ ކުރިއަށެވެ. މި މަހުގެ 14 ވަނަ ދުވަހު ހުކުމް ކުރުން އޮންނާނެއެވެ.