މި ޓްރާންސްފަރ މާކެޓުގައި ޗެލްސީއިން ހޯދުމަށް މަސައްކަތްކުރަމުން އަންނަ ފްރާންސްގެ ޑިފެންޑަރު ޖޫލްސް ކޮންޑޭ، ސެވިއްޔާއިން ވިއްކާލާނީ 80 މިލިއަން ޔޫރޯގެ އަގަކަށް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ޗެލްސީއިން ވަނީ ކޮންޑޭ ހޯދުމަށް ސެވިއްޔާއާއެކު މަޝްވަރާތައް މިދިޔަ އަންގާރަ ދުވަހު ފަށާފައެވެ. މިއީ ދެ ކްލަބްއިން ރަނގަޅު އެއްބަސްވުމަކަށް އާދެވިގެން ކުރިޔަށްދާނެ ޓްރާންސްފަރއެއް ކަމަށްވާއިރު އެހެން ލީގެއްގެ ތަޖުރިބާ ހޯދުމަށް ކޮންޑޭ ބޭނުންވާ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މި ޓްރާންސްފަރ މާކެޓުގައި ކޮންޑޭ ހޯދުމަށް ޗެލްސީގެ އިތުރުން މެންޗެސްޓަރ ޔުނައިޓެޑާއި ރެއާލް މެޑްރިޑުން ވެސް މަސައްކަތްކުރާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް ޔުނައިޓެޑުން ރެއާލް މެޑްރިޑްގެ ރަފައޭލް ވަރާން ގަތްއިރު ރެއާލްއަށް އައު ކުޅުންތެރިޔަކު އަދި މިހާތަނަށް ގެނެވިފައެއް ނުވެއެވެ. އެހެންކަމުން އަންނަ ސީޒަނުގައި އޭނާ ފެނުން އެކަށީގެންވަނީ ޗެލްސީއިން ކަމަށް ބެލެވެން ވަނީ ފަށާފައެވެ.
އެގޮތުން ކޮންޑޭ ހޯދުމަށް ކަރޓް ޒޫމާ ވެސް ޗެލްސީއިން ވަނީ ސެވިއްޔާއަށް ހުށަހަޅާފައެވެ. އެހެން ނަމަވެސް ސެވިއްޔާއިން ބޭނުންވަނީ ކުޅުންތެރިން ބަދަލުކުރުމުގެ ބަދަލުގައި އޭނާ ވިއްކާލާށެވެ. އެގޮތުން ޒޫމާ އާއެކު އިތުރު 45 މިލިއަން ޔޫރޯއަށް ސެވިއްޔާއިން ކޮންޑޭ ވިއްކާލަން ތައްޔާރު ކަމަށް ރިޕޯޓްތައް ބުނެއެވެ.
ސެވިއްޔާއާއެކު ކޮންޑޭ ހަދާފައިވާ އެއްބަސްވުން ހަމަވާނީ 2024 ވަނަ އަހަރަށެވެ. ނަމަވެސް އޭނާ ވަނީ އެހެން ޓީމަކަށް ކުޅުމުގެ ޝައުގުވެރިކަން ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތެރެއިން ފާޅުކޮށްފައެވެ. ސެވިއްޔާއަށް ކޮންޑޭ ވިއްކާލުމުން ލިބޭ ޓްރާންސްފަރ ފީގެ 20 އިންސައްތަ އޭނާގެ ކުރީގެ ކްލަބް ކަމަށްވާ ބޯޑޯއަށް ފޮނުވަން ޖެހޭނެއެވެ.