ސަރުކާރުގެ ވިޔަފާރި ކުންފުނި، އެސްޓީއޯ -- ފޮޓޯ: މުހައްމަދު އަފްރާހް / ޖަޒީރާ

މިއަހަރުގެ ދެވަނަ ކުއާޓާގައި ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން (އެސްޓީއޯ) އަށް 110 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިިއްޖެއެވެ.

އެސްޓީއޯއިން ހާމަކޮށްފައިވާ ކުއާޓާލީ ރިޕޯޓުގައި ވާގޮތުންނަމަ އެކުންފުންޏަށް 2021 ވަނަ އަހަރުގެ ދެވަނަ ކުއާޓާގައި 2.2 ބިލިއަން ރުފިޔާގެ އަމްދަނީއެއް ލިބިފައިވާއިރު، 110 މިލިއަން ރުފިޔާ ސާފު ފައިދާގެ ގޮތުގައި އެކުންފުންޏަށް ލިބިފައިވެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓާގައި އެސްޓީއޯއަށް ލިބިފައިވާ 2.2 ބިލިއަން ރުފިޔާގެ އާމްދަނީއަކީ މިދިޔަ ކުއާޓާގެ ލިބުނު 2.1 ބިލިއަން ރުފިޔާގެ އާމްދަނީއިން ކުރިއެރުމެކެވެ. އަދި ސާފު ފައިދާގެ ގޮތުގައި ދެވަނަ ކުއާޓާގައި 110 މިލިއަން ރުފިޔާ ލިބުނު އިރު މިދިޔަ ކުއާޓާގައި ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާއެވެ.

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ އާމްދަނީއަށް ލިބިފައިވާ ކުރިއެރުމާއެކު ހިއްސާއަކަށް 98 ރުފިޔާ ވަނީ ޖެހިފައެވެ. މިދިޔަ ކުއާޓަރއާ އަޅާބަލާއިރު ހިއްސާއަކަށް ދެރުފިޔާ އިތުރުވެފައިވާއިރު، މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާގަައި ހިއްސާއަކަށް ލިބުނީ 80 އެއްހާ ރުފިޔާއެވެ.

އެސްޓީއޯއަށް ދެވަނަ ކުއާޓާގައި ލިބިފައިވާ ފައިދާއަށް ބަލާއިރު މިދިޔަ ކުއާޓާއެކޭވެސް އެއްފަދައިން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ތެލުގެ ވިޔަފާރިންނެވެ. އެހެންނަމަވެސް މިދިޔަ ކުއާޓާގައި ތެލުން 1،448،672،945 ރުފިޔާ ލިބިފައިވާއިރު މިކުއާޓާގައި ލިބިފައިވަނީ 1،446،517،031 ރުފިޔާއެވެ. ތެލުގެ ވިޔަފާރި ދަށްވިނަމަވެސް އެހެނިހެން ވިޔަފާރިތަކުން 770،028،783 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިދިޔަ ކުއާޓާގައި ލިބުނު 706،973،700 މިލިއަން ރުފިޔާއަށްވުރެ 63 މިލިއަން ރުފިޔާ ބޮޑު އާމްދަނީއެކެވެ.

2020 ވަނަ އަހަރާއި އަޅާބަލާއިރު އެސްޓިއޯގެ އާމްދަނީއާއި ފައިދާ ވަނީ މިއަހަރުގެ ދެ ކުއާޓާގައިވެސް ވަރަށް ބޮޑުތަނުން އިތުރުވެފައެވެ. ކޮވިޑްގެ ހާލަތުން އަރައިގަތުމަށް ކުރެވެމުން އަންނަ މަސައްކަތާއެކު ވެކްސިން ޖެހި ބޯޑަރުތައް ހުޅުވަމުން އައުމާއެކު ގައުމުގެ ގިނަ ވިޔަފާރިތައް އަންނަނީ މަޑުމަޑުން ހަރަކާތްތެރިވާން ފަށަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.