އައްޑޫ ސިޓީގައި ހިންގަމުން ފްލައިންގ ސްކޫލްގެ މައްސަލަ ބެލުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ސްޓޭޓް މިނިސްޓަރ އަހްމަދު ޒުހައިރާއި ހަވާލު ކުރެއްވި ކަމަށާއި އެ މަސައްކަތް ޒުހައިރަށް ނުކުރެއްވުމާއި ގުޅިގެން އެ މަސައްކަތާއި އަމިއްލަފުޅަށް ހަވާލުވެވަޑައިގަތް ކަމަށް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވުމާއި ގުޅިގެން އެ ވާހަކަތައް ޒުހައިރު ދޮގުކުރައްވައިފިއެވެ. 

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވެވި ސިޓީއެއްގައި ޒުހައިރު ވަނީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ނަހުލާ ދެއްކެވީ އެއްވެސް އަސާސެއް އަދި އަސްލެއް ނެތް ވާހަކަތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ މިނިސްޓްރީގެ ސިޔާސީ ވެރިންނާއި މަސްއޫލިއްޔަތުތައް ހަވާލުކުރައްވަނީ މެމޯގެ ޒަރިއްޔާއިން ކަމަށާއި ފްލައިންގ ސްކޫލާއި ގުޅޭ އެއްވެސް މެމޯއެއް މިނިސްޓަރ ނަހުލާ ސޮއިކުރައްވައި ނެރުއްވާފައި ނުވާ ކަމަށް ވެސް ޒުހައިރު ވިދާޅުވިއެވެ. 

ހަމައެހެންމެ ވަޒީފާއާ ހަވާލުވެވަޑައިގެންނެވިފަހުން އެއްވެސް ކަމަކާއި ގުޅޭގޮތުން މިނިސްޓަރ ގެ ފަރާތުން އީމެއިލްއެއް ވެސް ފޮނުއްވާފައި ނުވާ ކަމަށާއި އަދި އެކި ކަންކަމުގައި މިނިސްޓަރަށް ފޮނުއްވި އީމެއިލްތަކުގެ ޖަވާބު ވެސް ލިބިލައްވާފައި ނުވާ ކަމަށް ވެސް ޒުހައިރުގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ. މީގެއިތުރުން ޒުހައިރުގެ އަމިއްލަ އިސްނެންގެވުމަކަށް ފްލައިންގ ސްކޫލްގެ ދަރިވަރުންގެ ކަންބޮޑުވުންތަކާއި އެ މައްސަލަ ދެނެގަތުމަށް ކޮމްޕްރިހެންސިވް ރިޕޯޓެއް އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު އަބްދުލް ޢަނީގެ ބެއްލެވުމުގެ ދަށުން ތައްޔާރުކުރެއްވުމަށް އެދިވަޑައިގެން ހަމަދު އަދި އެ ސިވިލް އޭވިއޭޝަންގެ ސީއީއޯއަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހު އީމެއިލްއިން ދެންނެވި ކަމަށް ވެސް ޒުހައިރު ވަނީ ވިދާޅުވެފައެވެ. 

ޖަޒީރާ ނޫހަށް މި އީމެއިލްތަކުގެ ކޮޕީ ވަނީ ލިބިފައެވެ. ޒުހައިރު ފޮނުއްވި އީމެއިލްއަށް ކުރެއްވި ރިޕްލައިގައި އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ހަމަދު ވަނީ ޒުހައިރު ފާހަގަކުރެއްވި ކަންތައްތަކަށް އެއްބަސްވެވަޑައިގަންނަވާ ކަމަށާއި އެ ރިޕޯޓް ތައްޔާރުކުރައްވަން ފައްޓަވާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. 

އައްޑޫގައި ފްލައިން ސްކޫލުން އެކި ގޮތްގޮތުން ދަރިވަރުންނަށް ފުރައްސާރަ ކުރަމުންދާ ކަމުގެ ޝަކުވާތައް އެ ދަރިވަރުން ދަނީ މެދުކެނޑުމެއް ނެތި އުފުލަމުންނެވެ. އަށާރަ މަސް ދުވަހުގެ ކޯހެއް ނުނިމި އެތައް ދަރިވަރުންނެއް ތިން އަހަރަށްވުރެ ގިނަ ދުވަސް ވެސްވެފައިވެއެވެ. މި މައްސަލަތައް ހައްލުކުރެވޭނެ ގޮތްތައް ހޯދުމަށް ރައްޔިތުންގެ މަޖިލީހުންނާއި ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.