ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނު އިސްލާހްކުރުމުގައި އިލެކްޝަންސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހާއި ދެމެދު ހިޔާލު ތަފާތުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރި ލޯކަަލް ކައުންސިލް އިންތިހާބުގެ ހާއްސަ ޤާނޫނުގައިވާގޮތުން އިންތިހާބު ބޭއްވޭނީ އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމުންނެވެ. އަދި އެ ގާނޫނު ފާސް ކުރާތާ އަހަރެއް ތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެ މުއްދަތު މެއި މަހުގެ 9 ވަނަ ދުވަހަށް ހަމަވާނެ އެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އިތުރުކޮށްފައިވާއިރު، ކައުންސިލް އިންތިހާބުގެ މައްސަލައަށް ހައްލެއް ގެނެވެން އޮތީ ރައްޔިތުންގެ މަޖިލީސް އެއްވެ ޤާނޫނު އިސްލާހްކުރުމުންނެވެ. އަދި ޤާނޫނު އިސްލާހްކުރުމުގެ މަޝްވަރާތަށް އަންނަނީ ކުރިއަށްގެންދަމުންނެވެ.
ޖަޒީރާއަށް މައުލޫމާތުދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ޤާނޫނު އިސްލާހްކުރުމުގެ ކަންކަމުގައި ރައްޔިތުންގެ މަޖިލީހާ މަޝްވަރާތައް ކުރެވެމުންދާއިރު، އިންތިހާބު ބާއްވައި ނިންމަންޖެހޭނެ ތާރީހެއް ޤާނޫނުގައި ލިޔުމާއިމެދު ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހާ ދެމެދު ހިޔާލު ތަފާތުވުން އުފެދިފައިވާކަމަށެވެ. އެގޮތުން ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވައި ނިންމަންޖެހޭ ވަކި ތާރީހެއް ޤާނޫނުގައި ހިމެނުމަށް ރައްޔިތުންގެ މަޖިލީހުން ބޭނުންވާއިރު، އިލެކްޝަނުން އެކަމަށް ތާއީދުނުކުރާކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ބޭނުންވަނީ މާއްދާއެއްގައި ވަކި ތާރީހެއްގައި އިލެކްޝަންސް ބާއްވައި ނިންމަންޖެހޭނެކަމަށް ލިޔުމުގެ ބަދަލުގައި އެ ބާރު ކޮމިޝަނަށް ލިބޭގޮތަށް ބޭއްވުންކަމަށް ޝަރީފް ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެން އެހެން ހުށަހެޅުމުގެ ބޭނުމަކީ މި އިންތިހާބަށް ވަކި ތާރީހެއް އޮވެއްޖެނަމަ، އަނެއްކާ ހާލަތު މެދުވެރިވެ، އިންތިހާބު ބާއްވަން މި ނިންމަނީ ޕެންްޑަމިކް ތެރޭގަ. ބަލިިމަޑުކަމު ތެރޭގަ. އެހެންވެއްޖެއްޔާ ބަލިމަޑުކަމުގެ ތެރޭގައި ބާއްވާއިރުގައި މީތި ކޮންމެ ކަހަލަ ގޮތަކަށްވެސް އޮއިވަރު ބަދަލުވެދާނެ. ބަދަލުވެއްޖެކަމަށްވަންޏާ އިންތިހާބު ބޭއްވުމަށްޓަކައި އަނެއްކާ އިތުރަށް ޤާނޫނު އިސްލާހްކުރަންޖެހޭނީ." ޝަރީފް ވިދާޅުވި އެވެ.
ޤާނޫނު އިސްލާހްކުރުމާއި ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އަންނަނީ ބަންޑާރަ ނައިބްގެ އޮފީހާއި، ސިޔާސީ ޕާޓީތަކާއެކުވެސް މަޝްވަރާކުރަމުންނެވެ. ޝަރީފް ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަން އަވަސްކުރުމަށް ހުރިހާ ފަރާތްތަކުގެ ފުރިހަމަ އެއްބާރުލުން އިލެކްޝަންސް ކޮމިޝަނަށް ލިބެ އެވެ.