ރެއާލްއަށް ކުޅެމުން އައި ރަފައެލް ވަރާން، އޭނާ ވަނީ ޔުނައިޓެޑަށް ބަދަލުވެފައި -- ފޮޓޯ: ޓުވިޓަރ

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރ ރަފައެލް ވަރާން މެންޗެސްޓަރ ޔުނައިޓެޑަށް ބަދަލުވެއްޖެއެވެ.

ޔުނައިޓެޑުން މިރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، ވަރާން އެ ކްލަބަށް ގެނައުމަށް ރެއާލްއާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭގޮތުން ޔުނައިޓެޑުން އިތުރު އެއްޗެއް އެ ކްލަބުން ބުނެފައެއް ނުވެއެވެ.

ރިޕޯޓްތައް ބުނާގޮތުން ވަރާން ޔުނައިޓެޑަށް ބަދަލުވާން އެއްބަސްވެފައިވަނީ 50 މިލިއަން ޔޫރޯގެ އަގަކަށް، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ދުނިޔޭގެ ޗެމްޕިއަންކަން ފްރާންސްއާއެކު ހޯދާފައިވާ ވަރާން ޔުނައިޓެޑާ ގުޅުމަށް އިންގްލޭންޑަށް މި ހަފްތާ ތެރޭގައި ދަތުރުކުރާނެ ކަމަށާއި، އަދި އެ ކްލަބާއެކު އޭނާ މެޑިކަލް ފުރިހަމަކުރާނީ ކަރަންޓީން މުއްދަތު ފުރިހަމަ ކުރުމަށްފަހު ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ފްރާންސްގެ ލެންސްއާއެކު ކެރިޔަރު ފެށި ވަރާން ރެއާލްއަށް ބަދަލުވީ 2011 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ އެ ކްލަބާއެކު 10 ސީޒަން ހޭދަކޮށްފައިވާ ވަރާން ވަނީ އެ ކްލަބަށް 360 މެޗު ކުޅެ، 17 ލަނޑު ކާމިޔާބުކޮށްފައެވެ.

ވަރާން ވަނީ ރެއާލްއާއެކު 3 ލަލީގާ، 2 ކޮޕަޑެލްރޭ، 3 ސްޕެނިޝް ސުޕަކަޕް، 4 ޔުއެފާ ޗްމޕިއަންސް ލީގު، 3 ޔުއެފާ ސުޕަ ކަޕް އަދި 4 ފީފާ ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްފައެވެ.

ފީފާ ވޯލްޑް ކަޕް 2018 ވަނަ އަހަރު ފްރާންސްއާއެކު ކާމިޔާބުކުރި އުމުރުން 28 އަހަރުގެ ވަރާން ވަނީ  ގައުމީ ޓީމަށް ކުޅުނު 79 މެޗުގައި 5 ލަނޑު ކާމިޔާބުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.