ދިވެހިރާއްޖޭގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑުތައް ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ޅ.ހިންނަވަރު ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ފަށައިފިއެވެ.

ޖަޒީރާނޫހަށް މައުލޫމާތު ދެއްވަމުން ޅ.ހިންނަވަރު ކައުންސިލް މެންބަރު ފިރާޒް ވިދާޅުވީ، މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި ކަމަށެވެ. މި މަސައްކަތް ފަށާތާ އެއް މަސް ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ހަމަޖެހިފައެވެ. 

މި މަޝްރޫއުއާ ގުޅޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ފިރާޒް ވިދާޅުވީ، މީގެ ސަބަބުން ރަށުގެ ޒުވާނުންނަށް ނުހަނު ބޮޑު ފައިދާއެއް ވާނެކަމަށެވެ. އެގޮތުން، ކޮވިޑްގެ ސަބަބުން ގިނަ ޒުވާނުން ރަށުގައި ތާށިވެފައިވާއިރު، ކުޅޭނެ ތަނެއް ޒުވާނުންނަށް މިހާރު ނެތް ކަމަށް ފިރާޒް ވިދާޅުވިއެވެ.

"ޒުވާން ޖީލު މިއޮތީ ކޮވިޑްގެ ސަބަބުން ރަށުގައި ތާށިވެފައި. ކުރިން އޮތް ދަނޑު ހަލާކުކޮށްފައި އެ ސަރަހައްދުގައި އާ ދަނޑެއް މި އަޅަނީ. އެހެންވީމަ ރަށުގައި ތިބި ޒުވާނުންނަށް ކުޅޭނެ ތަނެއް ހަގީގަތުގައި ނެތް. މިހާރު ކުޅެމުން ދަނީ ކުޑަ ދަނޑެއްގައި" ފިރާޒް ވިދާޅުވިއެވެ.

ބައި ގަޑިއިރަށް ނުވަތަ ގަޑިއިރަކަށް ކުޑަ ދަނޑު ދޫކޮށްގެން އެތަނުގައި ކުޅެމުން އަންނަ ކަމަށާއި އެހެންނަމަވެސް، އެއީ ވަރަށް ދަތި ހާލުގައި ކަމަށް ފިރާޒް ވިދާޅުވިއެވެ. އެހެންކަމުން، އާ ދަނޑު ހުޅުވިގެން ދިއުމާއެކު ރަށުގެ ޒުވާނުންނަށް ވަރަށް ބޮޑު އުފަލެއް ލިބޭނެކަމަށް ވިދާޅުވިއެވެ.

މިއީ މިނިސްޓަރީ އޮފް ޔޫތް އެންޑް ސްޕޯޓްސްގެ ފަރާތުން އަމީން ކޮންސްޓްރަކްޝަންއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަސައްކަތެކެވެ. މި މަޝްރޫއުގެ ނިމިގެންދާއިރު، މި ދަނޑަކީ "ދަ ފެޑޭރޭޝަން އިންޓަރނޭޝަނާލެ ޑެ ފުޓްބޯލް އެސޯސިއޭޝަން" (ފީފާ)ގެ މިންގަނޑުތަކައް ފެތޭ ގޮތައް ތަރައްގީކޮށްފައިވާ ދަނޑަކަށް ވާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.