ކުރު ފިލްމު "އިޔާރު" އިން މުޖުތަމައުގެ އަސްލު ހާލަތު!

ފުލުހުންގެ ކުރު ފިލްމު "އިޔާރު"ގެ މަންޒަރެއް

ރާއްޖޭގެ 56 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ހޯމް މިނިސްޓްރީން އިންތިޒާމް ކޮށްގެން ބޭއްވި ޓެލެތޮންގައި ފުލުހުންގެ ފަރާތުން ވެސް "އިޔާރު" ނަމަކަށް ކިޔާ ކުރު ފިލްމެއް ގެނެސްދިނެވެ. ސޯޝަލް މީޑިއާއަށް ދޫކޮށްލި ޓްރެއިލާއާއެކު މި ކުރު ފިލްމަކީ ގިނަ ބަޔަކު އިންތިޒާރު ކުރަމުން ދިޔަ ކުރު ފިލްމަކަށް ވެގެންދިޔައެވެ.

ރޭ ޓީވީއެމްއިން ދެއްކި މި ކުރު ފިލްމަކީ އަދުގެ މުޖުތަމައުގެ ހާލަތު ސާފުކޮށް ކިޔައިދިން ފިލްމެކެވެ. މުޖުތަމައުގައި "އާންމު" ވެފައިވާ ބޮޑެތި ކުށްތަކާއި، އެ ކުށްތަކުން ޒުވާން ކުއްޖަކު ސަލާމަތް ކުރުމަށް އަވަށްޓެރި ފުލުހުން ހަރަކާތްތެރިވާ މަންޒަރު ދައްކުވައި ދިން އިރު، ގިނަ ފިލާވަޅުތަކެއް ވެސް މި ފިލްމުން ލިބިދެއެވެ.

ފިލްމު ފަށަނީ، ފުރާވަރުގެ ހައްސާން ވީޑިއޯ ގޭމްއެއް ކުޅެން އިންދާ، މަންމަ އޭނަ ކައިރީ ހަނޑޫކޮޅެއް ގަނެދޭން ބުނާ ސީން އިންނެވެ. ހައްސާން ވީޑިއޯ ގޭމުން މަރުވުމުން، މަންމަ އެދުނު ގޮތަށް ފިހާރައަށް ގޮސް ހަނޑޫ ކޮޅެއް ގަނެގެން ގެޔަށް ދާން މަގު ހުރަސް ކުރަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލަކުން އޭނާ ގައިގައި ނުޖެހި ދިޔައީ ކިރިޔައެވެ.

އެ ހިސާބުން ފެންނަނީ ފަޒާ ނަމަކަށް ކިޔާ އަވަށްޓެރި ފުލުހަކު އެ ސައިކަލު ހުއްޓުވާ މަންޒަރެވެ. އަދި މަގުގެ އެއްކައިރިއަށް ގެންގޮސް، ލައިސަންސް ޗެކް ކުރުމަށްފަހު ސްޕީޑް ލިމިޓަށް ވުރެ ބާރަށް ދުއްވުމުން ވާގޮތް އެނގޭތޯ ސުވާލު ކުރެއެވެ. އަދި ސައިކަލުގައި ތިބި ދެމީހުންނަށް އޭނާ ނަސޭހަތްތެރިވެއެވެ.

ދެން ފެންނަނީ، ގެވެށި އަނިޔާގެ މައްސަލައެއް ރިޕޯޓް ކުރުމަށް އަވަށްޓެރިއަކު ފަޒާއަށް ގުޅާ މަންޒަރެވެ. އެ ރިޕޯޓާއެކު ފަޒާ ގެއެއްގެ ދޮރުމަތީގައި ހުރެ އަންހެނަކާ ވަހަކަ ދައްކާ މަންޒަރު ފެނެއެވެ. ހިތްހެޔޮކަމާއި އޯގާތެރިކަމާއެކު ފަޒާ ދިޔައީ އައިޝާ ނަމަކަށް ކިޔާ އެ އަންހެން މީހާއަށް ގެވެށި އަނިޔާގެ ޝިކާރައަކަށް ވާނަމަ އެކަން ރިޕޯޓް ކުރުމަށް ހިތްވަރު ދެމުންނެވެ. ނަމަވެސް އޭނާއަށް މީހަކު ގެވެށި އަނިޔާ ނުކުރާ ކަމަށާއި، އަވަށްޓެރިޔާއަށް އަޑު އިވުނީ އޭނާ ވެއްޓުމުން، ތަންކޮޅެއް ބާރަށް ހަޅޭއްލަވާލެވުނު އަޑު ކަމަށެވެ.

ގެވެށި އަނިޔާ ލިބޭ ކަމަށް އައިޝާ އިންކާރު ކުރުމުން ވެސް ފަޒާ އެގެއިން ދިޔައީ، އެފަދަ ކަންކަން ރިޕޯޓް ކުރަން ބޭނުން ނަމަ، ކޮންމެ ވަގުތަކު ވެސް އަވަށްޓެރި ފުލުހުންނަށް ގުޅޭނެ ކަމަށް ބުނެ ކާޑު ދީފައެވެ. ދޮރުގެ ފުރަގަހުގައި މޫނުގެ އެއްބައި ފޮރުވައިގެން ހުރި އައިޝާގެ މޫނު އެއްކޮށް ފެނުނީ ފަޒާ އެގެއިން ނިކުމެގެން ދިޔަ މަންޒަރު ބަލަން އޭނާ ނިކުމެލި ގަޑިގައެވެ.

އައިޝާގެ މޫނުގެ އެއްބައި ހުރީ ނޫފައިގެންފައެވެ. ދެން ފެންނަނީ އައިޝާގެ ފިރިމީހާ، އިސްމާއިލް ކަޅު ދަބަހެއް ހިފައިގެން ގޮސް ގެއަށް ވަންނަ މަންޒަރެވެ. ގެއަށް ވަދެ، އޭނާ އެ ދަބަސް ބަދިގޭގެ ސިންކު ދަށުގައި ހުރި ކަބަޑުގެ އެންމެ އެތެރެއަށްލާ ފޮރުވައެވެ. އޭރު އައިޝާ ހުރީ ކޮޓަރީގެ ދޮރުމަތީގައި ފޯނު ކަންފަތުގައި ޖައްސައިގެން އިސްމާއިލަށް ބަލާށެވެ.

"ކޯއްޗެއް ތިބަލަނީ، ކޮށްލެވުނުވަރު ކުޑައީ، އޭ؟" އައިޝާގެ އަތުގައި ބާރަށް ހިފާލާފައި އިސްމާއިލް ބުނެއެވެ. އެވަގުތު، އެ ދެމީހުންގެ 16 އަހަރުގެ ފިރިހެން ދަރިފުޅު އަލީ ނިކުމެ، ސައިކަލު ތަޅުދަނޑި ދިނުމަށް އިސްމާއިލް ކައިރިން އެދެއެވެ. އަލީގެ އެދުމާއެކު، ބަލައިގެން ދުއްވުމަށް ބުނެ އިސްމާއިލް، އޭނާގެ ސައިކަލު ތަޅުދަނޑި ދެއެވެ.

އަލީ ދޮރުން ނިކުމެގެން ދިއުމާއެކު އައިޝާ ގުޅައިގެން އުޅުނީ ކާކަށްތޯ އިސްމާއިލް ހަރު އަޑުން އައިޝާއާ ސުވާލު ކުރެއެވެ. ޖަވާބުދެމުން މަޑުމަޑުން އައިޝާ ބުނެލީ އޭނަ ގުޅައިގެން އުޅުނީ އޭނަގެ ކޮއްކޮއަށް ކަމަށެވެ. ބުނުމުން އިސްމާއިލް އޭނަގެ އަތުން ފޯނު ޖަހައިގަނެ ވާހަކަ ދައްކަން ފަށައެވެ.

ކޮއްކޮއޭ.. އޭ ފާތުން، ބުނަން ރަނގަޅު ވާހަކައެއް. އެއީ މަގޭ އަންހެނުންނޭ. އިރުއިރުކޮޅާ އޭނައަށް ގުޅާފަ ކޯއްޗެއް ކިޔައިދެނީ ތި؟ ކަލޭ ނުޖެހޭނެ އޭނައަށް ގޮތް ކިޔައިދޭކަށް. މަށަށް އެނގޭނީ އޭނަ އުޅެން ޖެހޭނެ ގޮތް. އަޑުއިވިއްޖެ؟.. ހޫނނ

އިސްމާއިލް ބުނަން ބޭނުންވާ އެއްޗެއް ބުނެ ނިމުމުން ފޯނު އެއްލާލާފައި އޭނަ ކޮޓަރިއަށް ވަދެއެވެ. އިސްމާއިލް ދިއުމުން އައިޝާ، އޭނަގެ ފޯނު ނަގައިގެން އޭނަގެ ކޮއްކޮއާ ވާހަކަ ދައްކަން ފަށައެވެ. އައިޝާ ހުރީ، އަލީ ހަމަ ބުނިއިރަށް އިސްމާއިލް ސައިކަލުގެ ތަޅުދަނޑި ދިނުމުން ހިތްހަމަނުޖެހިފައެވެ. އަދި އަލީއަށް އަދި ވީ އެންމެ 16 އަހަރު ކަން އިސްމާއިލަށް އެނގެން ވާނެ ކަމަށް އައިޝާ ބުނެއެވެ.  

އައިޝާގެ ޝަކުވާތައް އަޑުއެހުމަށްފަހު، ގެވެށި އަނިޔާ ކުރުމަކީ އަދި މާބޮޑު ކުށެއް ކަމަށް ފާތުން ބުނެއެވެ. އަދި ރިޕޯޓް ނުކުރަން އުޅެނީ ކީއްވެތޯ ފާތުން ސުވާލު ކުރެއެވެ. ޖަވާބުގައި އައިޝާ ބުނީ، އަލީގެ ހުރިހާ ވެސް މީހަކީ އިސްމާއިލް ކަމަށާއި، ރިޕޯޓް ކޮށްފި ނަމަ އަލީ އޭނަ ދެކެ ނަފްރަތު ކުރާނެ ކަމަށެވެ.

އަލީއަށް ވަރިހަމަތަ އޭނަގެ މަންމަ ހަނާ އަރުވާލިޔަސް؟

ފާތުން އެހެން ބުނުމުން. އޭނާ ހަދަންވީ ގޮތް ނޭނގޭ ކަމަށް އައިޝާ ބުންޏެވެ. އަނެއްކާވެސް ފާތުން މަސައްކަތް ކުރީ އައިޝާއަށް ވިސްނައި ދެވޭތޯއެވެ.

ނޫން. ގަބޫލެއް ނުކުރާނަން. ތިއީ ދޮންތަ އަމިއްލައަށް ޗޫޒް ކުރާ ގޮތް. ތިނޫން ބައިވަރު ގޮތްގޮތް އެބަ ހުރި. ރިޕޯޓް ވެސް ކުރެވޭނެ، ވަރިއަށް ވެސް އެދެވޭނެ، ކޯޓަށް ވެސް ދެވޭނެ. ދެން ކީއްވެތަ؟

ދެން ފެންނަނީ، އަލީ ސައިކަލުގައި ގޮސް ހައްސާންއާ ބައްދަލު ކުރާ މަންޒަރެވެ. ހައްސާން، އަލީއަށް އޭނާގެ އެސައިންމެންޓްތައް ހަދައިގެން ގެނެސްދިނުމުން، އަލީ ހައްސާން އަށް ފައިސާ ދެއެވެ. އަދި އިތުރު އެސައިންމަންޓެއް އެބަ އޮތް ކަމަށައި، ހުރިހާ އެސައިންމަންޓެއް ނިންމަ ދޭނަމަ ފައިސާ ދޭނެ ކަމަށް އަލީ ބުނެއެވެ.

ހައްސާން ބުނީ ބަރާބަރަށް ފައިސާ ދޭ ނަމަ ހުރިހާ އެސައިންމަންޓެއް ވެސް ހަދައިދޭނެ ކަމަށެވެ. އަދި އަލީ އޭނާގެ އަތަށް ދިން ސިޓީއުރަ ބަލާލުމަށްފަހު، އޭނާ އަގުކީ ޑޮލަރުން ނޫން ކަމަށް ބުނެއެވެ. އަލީ ބުނީ ރަނގަޅު ރޭޓެއްގައި ހައްސާންއަށް އެ ޑޮލަރު ބަދަލު ކުރެވިއްޖެނަމަ މާ ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް އަލީ ޑޮލަރު ހޯދީ ކޮންތާކުންތޯ ހައްސާން ސުވާލު ކުރެއެވެ.

މަށަށް ދޭނީ މަގޭ އައްޕަ އެއްނު، ނައްޓާލީ އިނގޭ.

އެއަށްފަހު ފެންނަނީ އެރޭ ހައްސާން މިސްކިތުން ފައިބައިގެން ދަނިކޮށް އޭނައާ އެއް އުމުރެއްގެ ދެކުދިން ގޮސް އޭނައާ އަރާ ހަމަ ކުރާ މަންޒަރެވެ. ހައްސާން ދަނިކޮށް މަޑު ކުރުވުމަށްފަހު އެ ދެކުދިން އުޅުނީ އޭނައަށް އެއްޗެއް ވިއްކާށެވެ. އަދި 'ރެޑީ' ވީމައި ލަސް ނުކޮށް އެމީހުންނަށް ގުޅުމަށާއި، އޭނައަށް ވީމަ ޑިސްކައުންޓް ދޭނެ ކަމަށް އެ ދެ ކުދިން ބުނެއެވެ.

ދެ ކުދިން ހައްސާންއާ ވާހަކަ ދައްކަން ތިއްބާ، ފަޒާ އެތަނަށް ދެއެވެ. އަދި އެ ދެ ކުދިންނަކީ ކޮންކަހަލަ ބައެއްކަން ހައްސާން އަށް އެނގޭތޯ އޭނާ ސުވާލު ކުރެއެވެ. އަދި ގާނޫނު އައިސް އެމީހުންނާ ހަމަކުރަން މާ ގިނަ ދުވަހެއް ނެތް ކަމަށާއި ވީހާވެސް އަވަހަކަށް ހައްސާން އެމީހުންގެ ކިބައިން ސަލާމަތް ވުމަށް ފަޒާ ނަސޭހަތްތެރިވެއެވެ.

އަނެއް ދުވަހު ހެނދުނު، ހައްސާން ސައިބޯން އިށީނދެ މަންމައާ ދެމީހުން ވާހަކަ ދައްކަމުން ގޮސް، އޭނާގެ މަންމަ އޭނައަށް ނަސޭހަތް ވެދެއެވެ. ހައްސާން ބަލާ ބޮޑުކުރީ ބޮޑެތި ގުރުބާނީތަކެއް ވެގެން ކަމަށާއި، ހައްސާން މެން ކަހަލަ ކުދިން ގޯސް މަގަކުން ދިޔަ ނުދިނުމަށް ފަޒާމެން ވެސް ބުރަ މަސައްކަތެއް ކުރާކަން އޭނާ ބުނިއެވެ. އަދި އެއަށްވުރެ ބޮޑު ޒިންމާއެއް މަންމަގެ އޮންނާނެ ކަމަށާއި ހައްސާން ގޯސްގޮތަކަށް ނޫޅޭނެކަން އެނގޭ ކަމަށް މަންމަ ބުނެއެވެ.

އަލީގެ އެސައިންމަންޓް ހެދުމުން ހައްސާންއަށް ލިބުނު ޑޮލަރު ހިފައިގެން އޭނާ އެދުވަހު ފިހާރައަކަށް ދެއެވެ. އަދި އެ ޑޮލަރު، ރަނގަޅު ރޭޓެއްގައި މާރު ކޮށް ދިނުމަށް އެދެއެވެ. ނަމަވެސް އެ ޑޮލަރުތައް ބެލުމަށްފަހު ސޭޓު ހައްސާނާ ސުވާލު ކުރެއެވެ.

އޭ ބުރޯ އާދެބަލަ، ކުޑަކުޑަ ގޮލައެއް.

ކައެ ކޮންތާކުން މި ޑޮލަރުތައް ހޯދީ؟ ކައެ އަށް އެނގޭތަ މީގަ އޮތީ ރަނގަޅު އެންމެ 50 ޑޮލަރޭ. ބާކީ މިހިރީ ހުސް ފޭކު އެއްޗިސް. ކައެ ކޮންތާކުން މި އެއްޗިސް ގެނައީ؟ ކައެއަށް އެނގޭތަ މިއީ މަނާ ކަމެއްކަން، ކައެ ކުށްވެރި ވާވަރުގެ ކަމެކޭ ކައެ ތިކުރަނީ.

ކައެ ކޮންތާކުން ހޭ މި އެއްޗިސް ގެނައީ؟

ދެން ފެންނަނީ އެރޭގެ މަންޒަރެކެވެ. ފިހާރައިގެ ސޭޓަކަށް ހުރި ޒައިދު ދަނީ އިސްމާއިލަށް ފާރަ ލަމުން އޭނަ ފަހަތުންނެވެ. ގޮސްގޮސް ހުއްޓާ އަވަށްޓެރި ފުލުހުން ގޮސް އޭނާއާ ސުވާލު ކުރެއެވެ. އިސްމާއީލަށް ފާރަ ލަނީތޯ ސުވާލު ކުރުމުން، އޭނާ ބުނަނީ އެއްވެސް މީހަކަށް ފާރަ ނުލާ ކަމަށާއި، އޭނާ މިހާރު "ކްލީން" ކަމަށް ބުނެއެވެ.

އެހެން ބުނުމުން އޭނާ ހާސްވަނީ ކޮން ކަމަކާތޯ ފުލުހުން ސުވާލު ކުރެއެވެ. ޖަވާބުގައި ޒައިދު ބުނީ އޭނާ ކަމަކާ ހާސްވަނީ ނޫން ކަމަށާއި ފާޑެއްގެ ނެއިބަހުޑް ޕޮލިސް އެއް އައިފަހުން ފެންނަ ކޮންމެތާކުން ހިފަހައްޓާ ސުވާލު ކުރަނީ ކަމަށެވެ. އަދި މަގުމަތީގައި އެހެން މީހުން ވެސް އުޅޭކަމަށާއި، އެމީހުންނާ ވެސް ސުވާލެއް ކޮށްލަން އޭނާ އެދެއެވެ.

ޒައިދު، އަޅުގަނޑުމެން ހަމަ ހުރެފައެއް މީހުންނަކާ ސުވާލެއް ނުކުރަން މަގުމަތިން ހުއްޓުވާފަކާ. ކުށެއްގެ ތުހުމަތު ކުރެވޭތީ ސުވާލު ކުރަނީ.

ޒައިދު ބުނީ އޭނަ އެއްވެސް ކަމެއް ނުކުރާ ކަމަށާއި، އޭނަ ދަނީ ހިނގާލާފައި ގެއަށް ދާން ކަމަށެވެ.

ދެން މި ކުރުފިލްމުން ދައްކައިދެނީ އަލީ، ހައްސާނަށް ދިން ޑޮލަރަކީ ވަގު ޑޮލަރުކަން އެނގިގެން ހައްސާން އަލީއާ ބައްދަލު ކުރާ މަންޒަރެވެ. އަދި އެކަން އިސްމާއިލަށް އެނގިގެން، އިސްމާއިލް ބަޔަކު ލައްވާ ހައްސާން ރަހީނު ކުރުވައެވެ. އޭރު ވެސް ޒައިދު ދިޔައީ އިސްމާއިލަށް ފާރަލަމުންނެވެ. އެރޭ އިސްމާއިލް ސައިކަލުގައި ދަނިކޮށް، ފުލުހުން އޭނާ ހިފަހައްޓައެވެ.

އިސްމާއިލްގެ އެދުމަށް ބަޔަކު ގޮސް ހައްސާން ރަހީނު ކުރެއެވެ. ހައްސާން ގެއަށް ނުގޮސްގެން އޭނަގެ މަންމަ ފުލުހަށް ރިޕޯޓް ކުރިތާ 3 ދުވަސް ފަހުން ޓީވީއިން އޭނާއާ ބެހޭ މައުލޫމާތު އެނގޭ މީހަކު ހުރި ނަމަ، އެކަން އެންގުމަށް ކުރާ އިއުލާނެއް އަލީއަށް އަދި އައިޝާއަށް ފެނެއެވެ. އެ އިއުލާން ފެނުމުން، އައިޝާ ފޯނުން މީހަކަށް ގުޅައެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިސްމާއިލަށް ވެސް ހައްސާންގެ ފޮޓޯ ދައްކާ، ފުލުހުން ސުވާލު ކުރާ މަންޒަރު ފެނެއެވެ.

ދެން ފެންނަނީ ހައްސާންގެ މައްސަލާގައި ފުލުހުން ކުރާ މަސައްކަތެވެ. ހެކި ހޯދާ، ފޮރެންސިކް މަސައްކަތުގެ އިތުރުން ފުލުހުންގެ އެކި އެކި ގޮފިތަކުން ގުޅިގެން ހައްސާން ކޭސްގެ މަސައްކަތް ކުރާ މަންޒަރު ފެނެއެވެ. އަދި ހައްސާން ރަހީނުކޮށްގައި ހުރިތަން ހޯދާ، ހަތިޔާރާއެކު ފުލުހުން ގޮސް އޭނާ ސަލާމަތް ކޮށްގެން ގެއަށް ގެންދެއެވެ.

އެރޭ ޒައިދު، އިސްމާއިލް މެންގެއަށް ގޮސް، އިސްމާއިލްގެ ދަބަސް ވަގަށް ނަގައިގެން ގެންދެއެވެ. ވަގު ޑޮލަރާއެކު އެ ދަބަސް ހިފައިގެން ޒައިދު ބާރު ސްޕީޑުގައި ދުއްވާފައި ހުޅުމާލެއިން މާލެއަށް ދާ މަންޒަރު ފެނެއެވެ. އަދި ޓްރެފިކް ލައިޓަށް މަޑުނުކޮށް  ބާރު ސްޕީޑުގައި ގޮސް ބްރިޖުން މާލެއަށް ފައިބާ ތަނުން އޭނާގެ އެކްސިޑެންޓް ވެ، އޭނާ މަރުވެއެވެ.

15 މިނިޓްގެ މި ކުރު ފިލްމަކީ އޯކީޒް އިންކުން ތައްޔާރުކޮށްފައިވާ ފިލްމެކެވެ. ހިތްގައިމު މަންޒަރުތަކާއެކު މި ފިލްމުގެ ޕްރޮޖެކްޓް ލިޔުމާއި ކޮންސެޕްޓާއި ހަމައިންގޮސް ޝޫޓް ކުރުމާއި އެޑިޓް ކުރުމާ ހަމައަށް ހުރިހާ މަސައްކަތެއް ނިންމާލާފައި ވާނީ އެންމެ 4 ދުވަސް ތެރޭގައެވެ.

0
0
0
0
0

ކޮމެންޓް

Your email address will not be published.

0 %