ކޮވިޑް ސޭފްޓީގެ ގޮލްޑް ސެޓްފިކެޓް، ކައިމޫ ރިސޯޓްސް އެންޑް ހޮޓެލްސް އިން ހިންގާ ތިން ރިސޯޓަކަށް ލިބިއްޖެއެވެ.
ކައިމޫ ޓްރެވަލްސް އެންޑް ސަރވިސަސް އިން މައުލޫމާތު ދީފައިވާ ގޮތުގައި، މި ސެޓްފިކެޓް ލިބިފައިވަނީ ސަމަރ އައިލެންޑް މޯލްޑިވްސް، އެނބޫދޫ ވިލެޖް، އަދި އީކުއޭޓަރ ވިލެޖްއަށެވެ. މިއީ ކޮވިޑް-19 ފެތުރުން ހުއްޓުވުމުގެ ގޮތުން މި ތިން ރިސޯޓުންވެސް އަޅާފައިވާ ފިޔަވަޅުތައް ބަލައިގަނެ ހޮޓެލް ރެސިލިއެންޓްގެ ފަރާތުން ދީފައިވާ ސެޓްފިކެޓެކެވެ.
މި ސެޓްފިކެޓް ދިނުމުގައި ކޮވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި ކޮންމެ ރިސޯޓަކުންވެސް އަޅާފައިވާ ފިޔަވަޅުތައް ހޮޓެލް ރެސިލިއެންޓްގެ މިންގަނޑަށް ފެތޭތޯ ބަލައެވެ. އެގޮތުން، ވަކިން ހާއްސަ ސަމާލުކަމެއް ދީގެން، މުވައްޒިފުންނާއި ފަތުރުވެރިންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، ރިސޯޓްތައް ސާފުކޮށް ބެހެއްޓުމަށް މެނޭޖްމެންޓުން ކުރާ މަސައްކަތްތަކާއި، ޖިސްމާނީ ގައިދުރުކަން ގާއިމްކުރެވިފައިވާ މިންވަރާއި، ކޮވިޑް-19 ޖެހިއްޖެ ފަރާތަކަށް ފަރުވާދިނުމުގައި ރިސޯޓުން ގެންގުޅޭ އުސޫލުތައް ބަލުމަށް ވަނީ ހަމަޖެހިފައެވެ.
ގޮލްޑް ސެޓްފިކެޓަކީ ހޮޓެލް ރެސިލިއެންޓްގެ ފަރާތުން އަރުވާ އެންމެ މަތީ ސެޓްފިކެޓެވެ. މި ސެޓްފިކެޓް ލިބުމާއި ގުޅިގެން ކައިމޫގެ މެނޭޖިންގ ޑިރެކްޓަރ މާނިހް އަހްމަދު ވިދާޅުވީ، މިކަމުން ރިސޯޓްތަކުގެ ރައްކާތެރިކަން ދައްކުވައިދޭކަމަށާއި، އަލުން ރިސޯޓް ހުޅުވިއިރު އަޅާފައިވާ ފިޔަވަޅުތަކުގެ ހަރުދަނާކަންވެސް ދައްކުވައިދޭކަމަށެވެ. އަދި، ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ވަގުތު ހޭދަކޮށްލެވޭނެ މާހައުލެއް ގާއިމް ކުރެވިފައިވާކަން ހޮޓެލް ރެސިލިއެންޓްއިން ބަލައިގަނެފައިވާތީ އެކަމާ އުފާ ކުރައްވާކަމަށްވެސް މާނިހް ވިދާޅުވިއެވެ.
ކޮވިޑް-19ގެ ސަބަބުން ބަންދުކުރުމަށްފަހު ސަމަރ އައިލެންޑް މޯލްޑިވްސް، އެނބޫދޫ ވިލެޖް، އަދި އީކުއޭޓަރ ވިލެޖް ހުޅުވާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.