ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ)އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓްގެ ދަށުން ފުލޫނިޔާ މަގާއި މުނިޔާ މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. 

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވާދެއްވީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގުފަހިކޮށްދީ މަގުތަކުގައި ފެންބޮޑުވުން ހުއްޓުވައިދީ މަސައްކަތްތައް ކުރުމަށް މަގުތައް ކޮނުން ހުއްޓުވުމުގެ އިތުރުން މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑީވޯޓަރިންގ ގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެއެވެ.

މާލެ ސްޓްރީޓް ސްކޭޕިންގް ޕްރޮޖެކްޓްގެ ދަށުން ފުރަތަމަ ތަރައްގީކޮށްފައިވަނީ ކަނބާއައިސާ ރަނި ހިނގުމެވެ. އެ މަގުގެ ބޮޑު ބައެއް މިހާރު ވަނީ ތަރައްގީކޮށް ނިމި، އާންމުން ބޭނުން ކުރުމަށް ހުޅިވާލާފައެވެ. 

މި މަޝްރޫއުގެ ދަށުން މިހާރުވަނީ ފުލޫނިޔާ މަގާއި މުނިޔާ މަގު ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް ފަށާފައެވެ. އާރްޑީސީއިން މައުލޫމާތު ދީފައިވާ ގޮތުގައި، މުނިޔާ މަގުގައި މިހާރު ކުރަމުން އަންނަނީ ސެޓްލްމަންޓް ޓޭންކާއި ކޭބަލްޓްރޭ އިންސްޓޯލްކުރުމުގެ މަސައްކަތެވެ.

ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މި މަޝްރޫޢުއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ޚަރަދަވާނެކަމަށް އަންދާޒާކުރެވެއެވެ. މި މަޝްރޫއުގައި އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ބޮޑަށް ގެއްލުން ލިބިފައިވާ މަގުތަކަށެވެ. 

މަޝްރޫޢުގެ ދަށުން 5 ވައްތަރެއްގެ މަގުތައް ތަރައްޤީ ކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ، އާޓީރިއަލް ރޯޑްސް، ސިޓީ ރޯޑްސް، ސެކަންޑަރީ ރޯޑްސް، ނެއިބަހުޑް ސްޓްރީޓްސްގެ އިތުރުން ޕެޑެސްޓްރިއަން ސްޓްރީޓްސްއެވެ. އެގޮތުން، ޖުމްލަ 18.08 ކިލޯމީޓަރގެ މަގު މާލޭގެ އެކި ސަރަޙައްދުތަކުގައި ހެދޭނެއެވެ. މިހާރު ފެށިގެން މިދަނީ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓެވެ. މި ސެގްމެންޓްގެ ދަށުން 1.94 ކިލޯމީޓަރގެ މަގުހެދުމަށްވަނީ ހަމަޖެހިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.