ކޮވިޑް ކޭސްތައް އިތުރުވަމުން ދާނަމަ، ބަންގްލަދޭޝްގެ ހޮސްޕިޓަލްތައް ފުރިދާނެ ކަމުގެ އިންޒާރު އެ ގައުމުގެ ސަރުކާރުން ދީފިއެވެ.
ބަންގްލަދޭޝްގެ ކޮވިޑް ހާލަތު، ސިއްހީ ނިޒާމަށް ނުކަތާ ވަރަށް ގޯސްވެދާނެ ކަމުގެ އިންޒާރު ދީފައި މިވަނީ އެ ގައުމުގައި އަޅާފައިވާ ފިޔަވަޅުތައް އަޟްހާ އީދާ ދިމާކޮށް ލުއި ދިނުމަށްފަހު ކޭސްތައް އިތުރުވުމުންނެވެ.
ހާލަތު ގޯސްވުމުން ލޮކްޑައުން ކޮށްފައި އޮތުމަށްފަހު އެ ގައުމުން ލުއި ދިނީ އީދާ ދިމާކޮށެވެ. ނަމަވެސް އީދަށް ފަހު ކޭސްތައް އިތުރުވަމުން ދިއުމާ ގުޅިގެން ބަންގްލަދޭޝް ސަރުކާރުން ވަނީ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ.
ބަންގްލަދޭޝްގެ ހެލްތް މިނިސްޓަރ ޒާހިދް މެލެކީ ވިދާޅުވީ ކޮވިޑްގައި ބަލި މީހުން މަދު ކުރުމަށް ކޮވިޑް ޖެހޭ މީހުން މަދު ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވޭނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ރައްޔިތުން ބޯލަނބައިގެން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު މިދާ ރޭޓުން ބަލި ފެތުރެމުންދާ ނަމަ ހޮސްޕިޓަލްތައް ފުރިދާނެ ކަމަށެވެ.
މެލެކީ އިތުރަށް ވިދާޅުވީ ކޮވިޑްގެ ހާލަތު ކޮންޓްރޯލް ނުކުރެވިއްޖެނަމަ ގައުމުގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބިގެން ދާނެ ކަމަށެވެ.
ބަންގްލަދޭޝްގައި އިއްޔެ އެކަނިވެސް 11,291 ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައި ވެއެވެ. އަދި އޭގެ ތެރެއިން 228 މީހަކުގެ ހާލު ގޯސްވެފައިވާކަމަށް އެ ގައުމުން ރިޕޯޓް ކުރެއެވެ.