ކުރިންވެސް އިއުލާންކޮށްފައިވާ އެކަޑަމިކް ކަލަންޑަރުގައިވާ ފަދައިން 10 ޖެނުއަރީ 2021ގައި ދިރާސީ އަހަރު ފެށުމަށް ނިންމުމާއި ގުޅިގެން، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ގިނަ ތައްޔާރީތަކެއްވާން ފަށައިފިއެވެ. 

ކޮވިޑް-19ގެ ސަބަބުން 2020 ވަނަ އަހަރުގެ ކިޔެވުން މެދުކަނޑާލުމަށް ފަހު ކުރިއަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. މީގެ ސަބަބުން ދިމާވި ދަތިތަކާއި ގުޅިގެން 2021-2020 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ދެވަނަ ޓާރމް މިހާރު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 10 އިން ފެށިގެން ޖޫން މަހުގެ 24 އަށެވެ. 

ދިރާސީ އަހަރު ފެށުމާއި ކައިރިވަމުން އަންނަ އިރު، އެޑިއުކޭޝަން މިނިސްޓްރީއިން މިވަނީ ސްކޫލްތަކާއި ގުޅިގެން ގިނަ ތައްޔާރީތަކެއްވާން ފަށާފައެވެ. ޖަޒީރާނޫހަށް މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހްމަދު މުޖާހިދު ވިދާޅުވީ، ސްކޫލްތަކުގައި އަމަލުކުރެވެމުންދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށެވެ. ދަރިވަރުންގެ ޓެމްޕަރޭޗަރ ބެލުމުގެ އިންތިޒާމްތަކާއި ސޯޝަލް ޑިސްޓެންސިންގ ގާއިމްކުރެވޭނެ ކަމަށާއި، އެކަން ކުރުމަށް މިހާރު ސްކޫލްތަކުން ތައްޔާރުވަމުން އަންނަ ކަމަށް މުޖާހިދު ވިދާޅުވިއެވެ.

ސްކޫލްތަކުން ވަމުން އަންނަ ތައްޔާރީތަކުގެ އެންމެ ފަހުގެ މައުލޫމާތު ހޯދައި، އިތުރަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް މިނިސްޓްރީއިން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން، އަލުން ހުޅުވުމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށާއި، މި ކަމާގުޅިގެން ޕްރިންސިޕަލުންނަށް އިތުރު މަޢުލޫމާތު ދެއްވުމަށް މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ.އައިޝަތު އަލީ ވަނީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލުކުރައްވާފައެވެ. މިއަދު އޮންލައިންކޮށް ބޭއްވެވި މި ބައްދަލުވުމުގައި މާލެ ސަރަހައްދު ފިޔަވައި ރާއްޖޭގެ ހުރިހާ ރަށެއްގެ ސްކޫލްތަކުން ބައިވެރިވެފައިވެއެވެ.

މީގެއިތުރުންވެސް، ސްކޫލްތަށް ޑިސްއިންފެކްޓްކޮށް ސާފުކޮށް ބެހެއްޓުމަށްވެސް ބޮޑު އިސްކަމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިކަން ކުރުމަށް މުވައްޒިފުން ތައްޔާރުކުރުމުގެ ގޮތުން އިއްޔެވަނީ ޕްރީސްކޫލްތަކުގެ މުވައްޒިފުންނަށް ހާއްސަ ތަމްރީންތަކެއްވެސް ކުރިއަށް ގެންގޮސްފައެވެ. އެކި ސެޝަންތަކަށް ބަހާލައިގެން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި 103 މުއައްޒަފަކު ވަނީ ތަމްރީން ފުރިހަމަ ކޮށްފައެވެ.

އަންނަ އާދީއްތަ ދުވަހު ސްކޫލްތައް ހުޅުވުމަށް ނިންމާފައިވާއިރު، މިއީ އެޗްޕީއޭއާ ކަމާގުޅޭ އެހެން އިދާރާތަކުގެ ލަފާގެ މަތިން އެޑިއުކޭޝަން މިނިސްޓްރީއިން ނިންމާފައިވާ ނިންމެވުމެކެވެ. އަދި މިއީ ބެލެނިވެރިންވެސް އެންމެ ބޭނުންވާގޮތް ކަމަށް މިނިސްޓްރީއިން ވަނީ ކުރިން ބުނެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.