އައްޑޫ ސިޓީގައި ހިންގާ ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކަށް ސަރުކާރުން ދާއިމީ ހައްލެއް ހޯދައިދޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.
ނިހާދު މިހެން ވިދާޅުވީ ފްލައިންގ ސްކޫލްގެ ދަރިވަރުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި ގުޅިގެން މިއަދު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން އެ ސްކޫލްގެ ދަރިވަރުންގެ ކޯސް ފުރިހަމަކުރުމަށް ބޭރަށް ފޮނުވޭތޯ ބަލަމުންދާ ކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހީމް ހަސަން ވިދާޅުވުމާއި ގުޅިގެންނެވެ.
މިކަމަށް އިޝާރާތްކުރައްވައި ނިހާދު ވިދާޅުވީ އެ ސްކޫލްގައި ކިޔަވާ ދަރިވަރުންނަށް ސަރުކާރުން ރަނގަޅު ގޮތް ހަދައިދޭނެ ކަމަށެވެ. އެގޮތުން އެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ރަނގަޅު ފެންވަރުގެ ސްކޫލެއް ގާއިމްކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފައިވާ ކަމަށް ވެސް ނިހާދު ވިދާޅުވިއެވެ.
ފްލައިން ސްކޫލުން އެކި ގޮތްގޮތުން ދަރިވަރުންނަށް ފުރައްސާރަ ކުރަމުންދާ ކަމުގެ ޝަކުވާތައް އެ ދަރިވަރުން ދަނީ މެދުކެނޑުމެއް ނެތި އުފުލަމުންނެވެ. އަށާރަ މަސް ދުވަހުގެ ކޯހެއް ނުނިމި އެތައް ދަރިވަރުންނެއް ތިން އަހަރަށްވުރެ ގިނަ ދުވަސް ވެސްވެފައިވެއެވެ.
އެ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ ކަމުގެ ޝަކުވާތައް ވެސް ބޮޑުވިއެވެ. ރާއްޖޭގައި ޑޮލަރުން ފީ ނެގުމަކީ މަނާ ކަމެކެވެ. މިކަމަށް ދަރިވަރުންނަށް އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާއިރު މިހާރު ކަމާގުޅޭ މުއައްސަސާތަކުން ދަނީ މިކަމުގައި ފިޔަވަޅުތަކެއް އަޅަމުންނެވެ.