2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ އެންމެ ބޮޑު ސޯސް މާކެޓަކީ އަވަށްޓެރި އިންޑިއާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިދިޔަ އަހަރު އެގައުމުން ރާއްޖެއަށް 90،562 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެެވެ. މިއީ މާކެޓް ޝެއާގެ އިންސައްތައިން ބަލާއިރު 11.3 އިންސައްތައެވެ. 

މީގެ ދެ އަހަރު ކުރިން 2018 ވަނަ އަހަރު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ފަސް ވަނައިގައެވެ. ކޮވިޑް 19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު ޖުލައި މަހުގެ 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއި ގުޅިގެން ވެސް ގިނަ އަދަދެއްގެ އިންޑިއާ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރިއިރު މިފަދަ ބޮޑު ގޮންޖެހުންތަކާއެކު ވެސް އިންޑިއާއިން ގާތްގަނޑަކަށް ލައްކަ އަކާއި ގާތްކުރާ އަދަދަށް ފަތުރުވެރިން ރާއްޖެއައުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެކެވެ. މިފަދަ ބޮޑު ކުރިއެރުމެއް އިންޑިއާއިން ހޯދުމުގައި އެތައް ސަބަބުތަކެއް ވެއެވެ. 

އެގޮތުން ބަލާއިރު ނޮވެމްބަރ 2018 ގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށް ފަހު އިންޑިއާ އާއި ދިވެހިރާއްޖޭގެ މެދުގައިވާ ޒަމާންވީ ގުޅުން ވަނީ އިތުރަށް ވަރުގަދަވުމަކީ އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވުމުގެ އެއް ސަބަބެވެ. މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ސޮއި ކުރެވުނު ބައިލެޓަރަލް ވިސާ-ފްރީ އެގްރިމެންޓުގެ ސަބަބުން ދިވެހިރާއްޖެއަށް ޒިޔާރަތްކުރުމަށް އިންޑިއާގެ ރައްޔިތުންނަށް ފަސޭހަވެގެންދިޔުމަކީ ފަތުރުވެރިންގެ އަދަދު އިތުރުވުމަށް އެޅިގެންދިޔަ މުހިންމު ފިޔަވަޅެކެވެ. 

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި އެކުވެސް އިންޑިއާ އާއި ދިވެހިރާއްޖޭގެ ދެމެދުގައިވާ ގާތް ގުޅުމަށް ހީނަރުކަމެއް އައިސްފައި ނުވެއެވެ. ޕެންޑެމިކް ސްޓޭޓަސް އިއުލާނުކުރެވުމުން ބައިނަލްއަގްވާމީ ދަތުރުފަތުރު ހުއްޓުމަކަށް އައިސް ބޯޑަރުތައް ބަންދުވުމުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައް އެއްކޮށް ހުއްޓުނު ދަނޑިވަޅުގައި އިންޑިއާ އަދި ރާއްޖެއާ ދެމެދު ގާއިމްކުރެވުނު އެއަރ ބަބްލް ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް 'ކިކްސްޓާޓް' ކުރުމަށް ލިބިގެންދިޔަ ބޮޑު ބާރަކަށެވެ. މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި އިއުލާންކުރެވުނު މި އެއަރ ބަބްލްއަކީ ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ގާއިމްކުރެވިގެންދިޔަ މިފަދަ ފުރަތަމަ އެއަރ ބަބްލްއެވެ. 

'އެއާ ޓްރެވަލް ބަބަލް' ގާއިމް ކުރެވުމާއިއެކު، އިންޑިއާގެ މަޝްހޫރު އެތައް ތަރިންނާއި ސެލެބްރިޓީން ވަނީ ދިވެހިރާއްޖޭގެ ހުދު ދޮންވެލި ގޮނޑުދޮށްތަކަށް ޒިއާރަތްކުރަން ފަށާފައެވެ. ބޮލީވުޑަކީ ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ސެލެބްރިޓީން ތިބި އިންޑަސްޓްރީއަކަށްވާއިރު މިފަދަ ތަރިން ރާއްޖެ އައިސް އެކި މީސްމީޑިއާ ޕްލެޓްފޯމްތަކުގައި ހިއްސާކުރަމުންދިޔަ ފޮޓޯތަކާއި ވީޑިއޯތައް ވެގެންދިޔައީ ރާއްޖޭގެ ފަތުރުވެރިކަން ހިލޭ އިސްތިހާރު ވެގެންދިޔަ ފަދަ ކަމަށެވެ. އެތައް މިލިއަން ފޮލޯވަރުން ތިބޭ މި ސެލެބްރިޓީއިން ހިއްސާކުރަމުންދިޔަ މި ފޮޓޯތަކާއެކު އިންޑިއާގެ އެތައް ރައްޔިތުންނެއްގެ ރާއްޖޭގެ ދޮންވެލި ގޮނޑުދޮށްތަކާއި ބިއްލޫރިކޮޅެއްފަދަ ސާފު މޫދު ދެކިލުމަށް ބޭނުންވިއެވެ. އަދި އޭގެ ސަަބަބުން ރާއްޖެ ޒިޔާރަތްކުރާ އިންޑިއާ ފަތުރުވެރިންގެ އަދަދު އިންތިހާއަށް އިތުރުވެ ރާއްޖެއާ ގުޅޭގޮތުން އިންޑިއާގެ އެކި ޓީވީ ޗެނަލްތަކާއި ނޫސް މަޖައްލާތަކުގައި ފަލަ ސުރުޚީތައް ލިޔެވިގެންދިޔައެވެ. 

ހަމައެހެންމެ 2020 ވަނަ އަހަރުގެ ފަހު ކުއާޓާގައި އިންޑިއަން ހައި ކޮމިޝަންގެ ފަރާތުން ވަނީ، ދިވެހިރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީއާއި ގުޅިގެން، ވެބިނާތަކާއި އަދި ވަރޗުއަލް އިވެންޓްތައް ރާވާ ހިންގާ، ދިވެހި ޓްރެވަލް އޭޖެންޓުންނާއި އިންޑިއާގެ ޓްރެވަލް އޭޖެންޓުން ގުޅުވައިދީފައެވެ. މިއީ ދެގައުމުގެ މެދުގައި އެޅިގެންދިޔަ މުހިންމު ބްރިޖަކަށް ވެގެންދިޔައެވެ. 

ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރުމަށް ވެގެންދިޔަ އެންމެ ބޮޑު ފަސޭހައަކީ އެގައުމަށް ނިސްބަތްވާ ހަތަރު އެއާލައިނަކުން ރާއްޖެއަށް ދަތުރުކުރަމުން  ދިޔުމެވެ. އަގުހެޔޮކޮށް އަތްފޯރާ ފަށުގައި ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ހުޅުވިފައި އޮތުމަކީ ރާއްޖެ އައިސް އަގުބޮޑު ވިލާތަކާއި ރިސޯޓް އަދި ގެސްޓް ހައުސްތަކުގައި ތިބުމަށް އިންޑިއާގެ ރައްޔިތުންނަށް ހުޅުވިގެންދިޔަ ދޮރަކަށެވެ. 

މިއަހަރަކީ ފަތުރުވެރިކަމަށް އުއްމީދީ އަހަރަކަށްވާއިރު މިއަހަރު ވެސް ރާއްޖެއަށް ޒިޔާރަތްކުރާ އިންޑިއާގެ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވެއެވެ. މިއީ ދެގައުމުގެ ގުޅުމަށް ވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެކެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.