މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ރިޔާސީ ބަޔާން އިއްވަވާނެއެވެ. އަދި އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ. ފެބްރުއަރީ މަހުގެ 4 ވަނަ ދުވަސް ދިމާވަނީ ބުރާސްފަތި ދުވަހަކާއެވެ. އެހެންކަމުން ސަރުކާރު އޮފީސްތަކުގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ތިން ދުވަހުގެ ދިގު ޗުއްޓީއެއް މި ބަންދު ދުވަހާއި ގުޅިގެން ލިބިގެންދާނެއެވެ.
އާއްމު ގޮތެއްގައި އައު އަހަރަކަށް ރައްޔިތުންގެ މަޖިލިސް ހުޅުވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައަޅައެވެ. އަދި އެ ދުވަހު ގައުމީ އެކިކަންކަމަށް އަލިއަޅުއްވާލައްވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވައެވެ.