ދިވެހިރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ އެކްޝަން ޕްލޭން ނުވަތަ ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަން (އެން.ޑީ.ސީ) އަށް އ.ދ. ގެ މޫސުމަށް އަންނަ ބަދަލުތަކުގެ މުޢާހަދާ ގެ އެގްޒެކެޓިވް ސެކްރެޓަރީ ޕެޓްރީސިއާ އެސްޕިނޯސާ ތަޢުރީފު ކުރައްވައިފިއެވެ. 

މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ޙުސައިން ރަޝީދު ޙަސަނަށް ފޮނުއްވި ހާއްސަ ސިޓީފުޅެއްގައި ޕެޓްރީސިއާ އެސްޕިނޯސާވަނީ، ކޮވިޑް-19ގެ މިހާލަތުގައިވެސް އެން.ޑީ.ސީ އަޕްޑޭޓްކޮށް ހުށަހަޅާފައިވާތީ އެކަމަށް ތައުރީފްކުރައްވާފައެވެ. އަދި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ އެން.ޑީ.ސީގައި ހުރި ބައެއް ހާއްސަ ކަންތައްތައް އެކަމަނާވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، 2030ގެ ނިޔަލަށް ވަސީލަތްތައް ލިބިއްޖެނަމަ "ނެޓް ޒީރޯ" ހާސިލްކުރުމަށް ސަރުކާރުން ނިންމާފައިވާތީ އެކަމަށް ތައުރީފް ކުރައްވާފައިވެއެވެ.

މީގެއިތުރުންވެސްް، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ހަރުދަނާ ގިނަ މަސައްކަތްތަކެއް ކުރުމަށް ރާއްޖެއިން ހުށަހެޅާފައިވުމަކީ ރާއްޖެފަދަ މޫސުމަށް އަންނަ ބަދަލުތަކުގެ ނާޒުކުކަމަށް އެންމެ ބޮޑަށް ހުށަހަޅިފައިވާ ގައުމަކުން ހުށަހަޅާ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. 

ދިވެހިރާއްޖެއަށް މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް އިތުރު މަސައްކަތްތަކެއް
ކުރައްވާނެކަން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުވަނީ ކުރިންވެސް ހާމަކުރައްވާފައެވެ. 2030ގެ ނިޔަލަށް ވަސީލަތްތައް ލިބިއްޖެނަމަ "ނެޓް ޒީރޯ" ހާސިލްކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެމަނިކުފާނުވަނީ ދާދިފަހުންވެސް އަރުވާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.