އައްޑޫ ސިޓީގައި ހިންގާ ފްލައިންސްކޫލްގެ ދަރިވަރުންގެ ތެރެއިން ކޯސް ނުނިމި، އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ ދަރިވަރުންގެ ކޯހުގެ ބާކީ ބައި ފުރިހަމަ ކުރުމަށް ބޭރުގެ ފްލައިންސްކޫލްތަކަށް ފޮނުވުމުގެ ފުރުސަތު އޮތްތޯ ބަލަމުން ގެންދާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.
ފްލައިން ސްކޫލުން އެކި ގޮތްގޮތުން ދަރިވަރުންނަށް ފުރައްސާރަ ކުރަމުންދާ ކަމުގެ ޝަކުވާތައް އެ ދަރިވަރުން ދަނީ މެދުކެނޑުމެއް ނެތި އުފުލަމުންނެވެ. އަށާރަ މަސް ދުވަހުގެ ކޯހެއް ނުނިމި އެތައް ދަރިވަރުންނެއް ތިން އަހަރަށްވުރެ ގިނަ ދުވަސް ވެސްވެފައިވެއެވެ.
އެ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ ކަމުގެ ޝަކުވާތައް ވެސް ބޮޑުވިއެވެ. ރާއްޖޭގައި ޑޮލަރުން ފީ ނެގުމަކީ މަނާ ކަމެކެވެ.
މިކަމަށް ދަރިވަރުންނަށް އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާއިރު މިހާރު ކަމާގުޅޭ މުއައްސަސާތަކުން ދަނީ މިކަމުގައި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ޓްރާސްޕޯޓް މިނިސްޓަރާއި ހަޔާއެޑިއުކޭޝަން މިނިސްޓަރު ހާޒިރުކޮށްފައެވެ.
މިނިސްޓަރު އިބްރާހިމް ހަސަން ވިދާޅުވީ ކޯސް ނުނިމި ދިގުލައިގެން ގޮސްފައިވާ ދަރިވަރުންގެ ލޯނުތައް ދެއްކުމުގައި މިހާރު ލުއިތަކެއް ދީފައިވާނެ ކަމަށެވެ. އެގޮތުން ކޯސް ނިމޭ ތާރީހުން ފެށިގެން ހަ މަސް ދުވަހަށްފަހު ލޯނު ދައްކަން ޖެހޭ ގޮތަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއީ ކޯސް ފުރިހަމަ ކުރުމަށް ކިތަންމެ ދިގު މުއްދަތެއް ނެގި ނަމަވެސް ކޯސް ފުރިހަމަ ނުވަނީސް ލޯނު ދައްކަން ފަށަން ނުޖެހޭނެ ކަމަށެވެ.
އޭގެއިތުރުން ކޯސް ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށް ބޭރުގެ ފްލައިންސްކޫލްތަކުން ފުރުސަތު ހޯދުމުގެ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށާއި އެކަމަށް ވެސް އައްޑޫ ފްލައިންސްކޫލްގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވަނީ ދަރިވަރުންނަށް ރަނގަޅު ގޮތްތަކެއް ވެގެންދާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.