އައްޑޫ ފްލައިން ސްކޫލް ހިންގަމުންދާ ފަރާތުން އެ ތަނުގެ ދިވެހި ދަރިވަރުންނާމެދު ތަފާތު ކުރަމުންދާ މައްސަލަ ބޮޑުވެފައިވަނިކޮށް އެކަން ބަލައިދިނުމަށް ޖެންޑާ މިނިސްޓްރީއަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ހުށަހަޅައިފިއެވެ. 

ފްލައިން ސްކޫލުން އެކި ގޮތްގޮތުން ދަރިވަރުންނަށް ފުރައްސާރަ ކުރަމުންދާ ކަމުގެ ޝަކުވާތައް އެ ދަރިވަރުން ދަނީ މެދުކެނޑުމެއް ނެތި އުފުލަމުންނެވެ. އަށާރަ މަސް ދުވަހުގެ ކޯހެއް ނުނިމި އެތައް ދަރިވަރުންނެއް ތިން އަހަރަށްވުރެ ގިނަ ދުވަސް ވެސްވެފައިވެއެވެ. 

އެ ދަރިވަރުންގެ އަތުން ޑޮލަރުން ފީ ނަގާ ކަމުގެ ޝަކުވާތައް ވެސް ބޮޑުވިއެވެ. ރާއްޖޭގައި ޑޮލަރުން ފީ ނެގުމަކީ މަނާ ކަމެކެވެ. 

މިކަމަށް ދަރިވަރުންނަށް އަދިވެސް އެކަށީގެންވާ ހައްލެއް ލިބިފައިނުވާއިރު މިހާރު ކަމާގުޅޭ މުއައްސަސާތަކުން ދަނީ މިކަމުގައި ފިޔަވަޅުތަކެއް އަޅަމުންނެވެ. އެކަމާ ގުޅޭ ގޮތުން މައުލޫމާތު ސާފު ކުރުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ޓްރާސްޕޯޓް މިނިސްޓަރާއި ހަޔާއެޑިއުކޭޝަން މިނިސްޓަރު ހާޒިރުކޮށްފައެވެ. 

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވި ގޮތުގައި އެ މައްސަލައަކީ ވަރަށް އިސްކަމެއް ދީގެން ބަލަމުންދާ މައްސަލައެކެވެ. އެކަމުގައި ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. މައްސަލަ އެހާ ބޮޑުވެފައިވަނީ ބަލަން ޖެހޭ ކަންކަން މީގެކުރިން ބަލަމުން ގޮސްފައިނުވާތީ އާއި ސިޔާސީ ނުފޫޒުތަކެއް އޮތުމުން ކަމަށް ވެސް ވިދާޅުވިއެވެ. 

ނަމަވެސް ދަރިވަރުންގެ ހައްގުގައި ކުރަން ޖެހޭ އެއްވެސް ކަމެއް ކުރުމުގައި ފަސް ނުޖެހޭނެ ކަމަށާއި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ މިކަމުގެ ތެރޭގައި ސްކޫލްގެ ވެރިން ދަރިވަރުންނަށް ފުރައްސާރަ ކޮށްފައިވާ ކަމުގެ މައްސަލަ ވެސް ދަރިވަރުން ހުށަހަޅާފައިވާ ކަމަށެވެ. 

އެކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި ޖެންޑާ މިނިސްޓަރަށް މިހާރު ރަސްމީކޮށް ހުށަހަޅާފައިވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.