ލޯކަލް ކައުންސިލު އިންތިޚާބާ ބެހޭ ޚާއްޞަ ޤާނޫނާއި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތަކުގެ ހިންގުން ކަށަވަރުކުރުމުގެ ޤާނޫނު އުވާލުމަށް ހާއްސަ ޖަލްސާއެއް ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހުން ނައިފަރު ދާއިރާ މެންބަރު އަޙްމަދު ޝިޔާމު އެދިވަޑައިގެންފިއެވެ.

އަންނަ މާރޗް މަހު ބޭއްވުމަށް ތައްޔާރުވަމުން ދިޔަ ލޯކަލް ކައުންސިލް އިންތިހާބު ނުބޭއްވޭނެކަން އިލެކްޝަންސް ކޮމިޝަނުން މިހާރު އިއުލާންކުރައްވާފައިވާއިރު، އެކަމާއި ގުޅިގެން ނުރުހުންފާޅުކުރައްވާ ޓްވީޓް ކުރައްވަމުން ޝިޔާމް ވިދާޅުވީ، ލޯކަލް ކައުންސިލު އިންތިޚާބާ ބެހޭ ޚާއްޞަ ޤާނޫނާއި ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތަކުގެ ހިންގުން ކަށަވަރުކުރުމުގެ ޤާނޫނަކީ ޤާނޫނު އަސާސީއާ ހިލާފު ދެ ގާނޫނުކަމަށެވެ.

މި ދެ ޤާނޫނުގެ ސަބަބުން ރައްޔިތުންގެ އަސާސީ ހައްގެއް ކަމަށްވާ ވޯޓުލުމުގެ ހައްގު ނިގުޅައިގަނެވޭކަމަށާއި އެ ހައްގު ރައްޔިތުންނަށް ހޯދައިދޭންޖެހޭކަމަށް ޝިޔާމް ވިދާޅުވިއެވެ. ކޮވިޑް-19 ޕެންޑެމިކް ތެރޭގައިވެސް ވޯޓު ލުމުގެ ހައްގު ލިބެންޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. 

މީގެއިތުރުންވެސް، ޝިޔާމް ވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވީ ބޭއިންސާފުން ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން، އިދިކޮޅު ކޯލިޝަން ކަސްތޮޅު އެޅުވިފައިވާ ކަމަށާއި، މި ދަނޑިވަޅުގައިވެސް ސަރުކާރުން ކެމްޕޭންކުރުން ކުރިއަށް ގެންދަވާކަމަށް ޝިޔާމް ވިދާޅުވިއެވެ. 

ޝިޔާމް ތުހުމަތުކުރެއްވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރަނީ އެޗްޕީއޭ އާއި އިލެކްޝަންސް ކޮމިޝަނަށް ސަރުކާރުން ނުފޫޒު ފޯރުވައިގެންނެވެ. މިއީ އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ ބަލިވެދާން ކަމުގެ ބިރުގައި ކުރާކަމެއް ކަމަށާއި، މިއީ ޑިމޮކްރަސީތޯ ޝިޔާމް ސުވާލު އުފެއްދެވިއެވެ.

ޝިޔާމް މި މޭރުމުން ޓްވީޓް ކުރައްވާފައިވާއިރު، ސަރުކާރު ހިންގާ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވީހާވެސް އަވަހަކަށް އިންތިހާބު ބޭއްވުމަށް ގޮވާލައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.