ށ. ފޭދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވެފައިވާކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފިއެވެ.
އެމްޓީސީސީއިން މިއަދު ބުނެފައިވާ ގޮތުގައި، މި މަސައްކަތް ފެށުމަށްޓަކައި މިއަދު ޓީމާއި މެޝިނަރީ ވަނީ ޕްރޮޖެކްޓް ސައިޓަށް މޮބިލައިޒްކޮށްފައެވެ.
މި މަޝްރޫޢުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 387 މީޓަރ ބޮޑުހިލައިގެ ބޭރުތޮށި ޖެހުމާއި، 280 މީޓަރ އެއްގަމު ތޮށި ޖެހުމާއި، ރޭމްޕެއް ހެދުމާއި، 1400 ސްކެއަރ މީޓަރ ޕޭވްމަންޓް ހެދުމާއި، 10 މޫރިންގ ބްލޮކްސް ޖެހުމާއި، 18,500 ކިއުބިކް މީޓަރ ބަނދަރު ފުންކުރުމާއި، 9,000 ކިއުބިކް މީޓަރ ނެރު ފުންކުރުމާއި، 2 ނެރުބައްތި ޖެހުމުގެ އިތުރުން 14 ބަނދަރު ބައްތި ޖެހުން ހިމެނެއެވެ.
މިއީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫއުއެކެވެ. މި މަޝްރޫއުއަށް 33,144,965.10 ރުފިޔާ ހަރަދުވާނެކަމަށް ބެލެވެއެވެ.