އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ފާހާނާ ބަރިޔެއް އެޅުމަށް ގަވާއިދާއި ހިލާފަށް 4.8 މިލިއަން ރުފިޔާ ހޭދަކޮށްފައިވާކަން މިނިސްޓްރީ އޮފް ހެލްތުގެ 2017 ވަނަ އަހަރުގެ މާލީ ބަޔާންތަށް އޮޑިޓް ކުރުމަށްފަހު އޮޑިޓަރ ޖެނެރަލް ނެރުއްވި ރިޕޯޓުން ހާމަވެއްޖެއެވެ.

ހެލްތުގެ 2017 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އޮޑިޓަރ ޖެނެރަލް މިއަދު އާންމު ކުރައްވާފައިވާއިރު، ދައުލަތުގެ މާލިއްޔަތު ގާނޫނާއި ދައުލަތުގެ މާލިއްޔަތު ގަވާއިދާއި ހިލާފަށް ގިނަ ކަންތައްތަކެއް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ. އެގޮތުން، އާންމުން ބޭނުންކުރުމަށް ފާހާނާ ބަރިޔެއް އެޅުމަށް 4.8 މިލިއަން ރުފިޔާ ގަވާއިދާއި ހިލާފަށް އައިޖީއެމްއެޗްއިން ހަރަދުކޮށްފައިވެއެވެ.

4.8 މިލިއަން ރުފިޔާ އައިޖީއެމްއެޗް އިން ހަރަދުކޮށްފައިވަނީ ހަތް ފާހާނާ ހިމެނޭގޮތަށް، އެއް ފާހާނަ ބަރި އެޅުމަށެވެ. މިކަމާއި ގުޅިގެން ފަސް އިއުލާނެއް ކޮށްފައިވާއިރު، ހަތް ފާހާނާ ހިމެނޭގޮތަށް ދެ ފާހާނަ ބަރި އެޅުމަށް ހުށަހަޅާފައިވާ އެވްރެޖް އަގަކީ 2،549،901 މިލިއަން ރުފިޔާއެވެ. އެހެންނަމަވެސް، އައިޖީއެމްއެޗް އިން އަންދާޒާކުރި އަގަށްވުރެ ބޮޑު އަގެއް ހުށަހަޅާފައިވާކަމަށް ބުނެ، މި އިއުލާންތައް ބާތިލްކުރުމަށް ފަހު، ހަތް ފާހާނާ ހިމެނޭ، އެއް ފާހާނަ ބަރި އެޅުމަށް ހަވާލުކޮށްފައިވަނީ 3،498،491 ރުފިޔާއަށެވެ. އަދި ވޭރިއޭޝަން ހިމަނައިގެން ޖުމްލަ 4،801،599 މިލިއަން ރުފިޔާ އައިޖީއެމްއެޗް އިން ހަރަދުކޮށްފައިވެއެވެ.

ދައުލަތުގެ މާލިއްޔަތު ގަވާއިދުގައިވާގޮތުން، 1.5 މިލިއަން ރުފިޔާއިން ފެށިގެން މަތީގެ މަސައްކަތްތައް ހަވާލުކުރާނެ ފަރާތެއް ހޯދަން ވާނީ ނޭޝަނަލް ޓެންޑަރ ބޯޑަށް ހުށަހަޅައިގެންނެވެ. އެހެންނަމަވެސް، ފާހާނާ ބަރިޔެއް އެޅުމަށް 4.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، އެ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޯދުމަށް ނޭޝަނަލް ޓެންޑަރ ބޯޑަށް އައިޖީއެމްއެޗްއިން ހުށަހަޅާފައެއް ނުވެއެވެ. އަދި ގިނަ ފާހާނަ ހެދުމަށް ލިބުނު އަގަށްވުރެ ބޮޑު އަގަކަށް މި މަސައްކަތް ހަވާލުކޮށްފައިވާއިރު، އިއުލާންތައް ބާތިލްކުރި ސަބަބު ކަމަށް ބަޔާންކޮށްފައިވާ އައިޖީއެމްއެޗް އިން އަންދާޒާކުރި އަގު، އެއްވެސް ލިޔެކިޔުމަކުން ފެންނަން ނެތްކަމަށްވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

މީގެއިތުރުންވެސް، ދައުލަތުގެ މާލިއްޔަތު ގަވާއިދުގައި، 15 ޕަސެންޓަށްވުރެ ބޮޑުނުވާ އަދަދަކަށް އެޑްވާންސް ފައިސާ ދޫކުރެވިދާނެކަމަށް ބަޔާންކޮށްފައިވީނަމަވެސް، ޖުމްލަ އަގުގެ 30 ޕަސެންޓަށްވާ 990،139 ރުފިޔާ އެޑްވާންސްގެ ގޮތުގައި ދޫކޮށްފައިވެއެވެ. އަދި، މަސައްކަތުގެ އަގުގެ 10 ޕަސެންޓަށްވުރެ ބޮޑުނޫން އަދަދެއް ވޭރިއޭޝަންގެ ގޮތުގައި އަގަށް އިތުރުކުރެވޭނެކަމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވީނަމަވެސް، ވޭރިއޭޝަންގެ ގޮތުގައި ޖުމްލަ އަގުގެ 35 ޕަސެންޓަށްވާ 1،216،725 ރުފިޔާ ހަރަދުކޮށްފައިވެއެވެ.

އޮޑިޓް އޮފީހުން މިއަދު އާންމުކޮށްފައިވާ ރިޕޯޓުގައި، ފާހާނާ ބަރި އެޅުމުގެ އިތުރުން، ހެލްތު މިނިސްޓްރީއިން ގަވާއިދާއި ހިލާފާށް ހަރަދުކޮށްފައިވާ އެތައް ކަމެއް ބަޔާންކޮށްފައިވެއެވެ. އެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، "ފައިސާ ލިބުނުގޮތާއި ހޭދަކުރެވުނު ގޮތުގެ ބަޔާން" އަދި "ފާސްކުރެވުނު ބަޖެޓާއި އެ ބަޖެޓުން ހޭދަކުރުވުނު ގޮތުގެ ބަޔާން" ކަމުގައި ހެލްތު މިނިސްޓްރީއިން ކުރިން އާންމުކޮށްފައިވާ ބަޔާންތަކަކީ ތެދުވެރި ބަޔާންތަކެއް ނޫނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.