އިނގިރޭސި ޕްރިމިއަރ ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ކުޅުނު މެޗުން އެޓީމު ބަލިވެއްޖެއެވެ. 

ސައުތުހެމްޕްޓަންގެ ދަނޑުގައި އެޓީމާއި ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުން އެޓީމު ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސައުތުހެމްޕްޓަންއިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ މިނެޓުގައި ޖޭމްސް ވާޑް ޕްރައުސް ނަގައިދިން ހުރަހަކުން އެޓީމަށް ޖަހައިދިނީ ޑެނީ އިންގްސްއެވެ. އަނިޔާގެ ސަބަބުން ލިވަޕޫލްގެ މުހިންމު ކުޅުންތެރިންތަކަކަށް ކުޅެވިފައެއް ނުވެއެވެ. ހަމައެހެންމެ ސައުތުހެމްޕްޓަންއަށް ވެސް އަނިޔާގެ މައްސަލަތަކުގެ އިތުރުން ކޮވިޑާއި ގުޅިގެން ވެސް ބައެއް ކުޅުންތެރިން ފުރަތަމަ އެގާރާގައި ހިމެނިފައެއް ނުވެއެވެ. 
މިިއީ މި ސީޒަނުގައި ޕްރިމިއަރ ލީގުގައި ލިވަޕޫލް ބަލިވި ދެވަނަ މެޗު ކަމަށްވީ ނަމަވެސް އަދިވެސް އެޓީމު އޮތީ ތާވަލުގެ އެއްވަނައިގައެވެ. އެހެން ނަމަވެސް އެޓީމު އެއް މެޗު އިތުރަށް ކުޅެފައިވުމާއެކު މެންޗެސްޓަރގެ ދެ ޓީމަށް ވެސް ލިވަޕޫލް އަތުލުމުގެ ފުރުސަތު އެބައޮތެވެ. މިއީ މިދިޔަ ފަސް މެޗުގެ ތެރެއިން ސައުތުހެމްޕްޓަން މޮޅުވި ފުރަތަމަ މެޗު ކަމަށްވާއިރު އެޓީމު ވަނީ މި މޮޅާއެކު ތާވަލުގެ ހަވަނައަށް ޖެހިލާފައެވެ. 

ލިވަޕޫލްއަށް ތާވަލުގެ އެއްވަނަ ލިބެނީ 33 ޕޮއިންޓާއެކުއެވެ. އެޓީމަށް ވުރެ އެއް މެޗު މަދުން ކުޅުނު ޔުނައިޓެޑަށް ވެސް 33 ޕޮއިންޓް ލިބިފައިވާއިރު ލެސްޓާ ސީޓީ ތިންވަނައިގައި އޮތީ 32 ޕޮއިންޓާއެކުއެވެ. ހަތަރުވަނާގައި 29 ޕޮއިންޓާއެކު ޓޮޓެންހަމް އޮތްއިރު 15 މެޗު ކުޅެގެން ސިޓީއަށް ވެސް ވަނީ 29 ޕޮއިންޓް ލިބިފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.