އޮޅުވެލި ބީޗް އެންޑް ސްޕަރ ރިސޯޓުގެ ގެސްޓް ރޫމްތަކެއްގައި އަލިފާން ރޯވި ހާދިސާގައި ދެ ރޫމެއް ބޭނުން ނުކުރެވޭވަރަށް އަނދާފައިވާކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އޮޅުވެލި ރިސޯޓުގެ ގެސްޓު ރޫމެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ރިޕޯޓް ލިބިފައިވަނީ ހޯމަ ދުވަހުގެރޭ 12:25 ހާއިރުކަމަށެވެ. އަދި އެމްއެންޑީއެފްގެ ފަޔަރ ޓީމާއި، ރިސޯޓުގެ މުވައްޒިފުން ގުޅިގެން ކުރި މަސައްކަތުން 2:00 ގެ ކުރިން ވަނީ އަލިފާންގަނޑު ކޮންޓްރޯލްކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގައި 4 ރޫމްގެ ބްލޮކެއްގެ ތެރެއިން 2 ރޫމް ބޭނުން ނުކުރެވޭވަރަށް ގެއްލުންވެފައިވާކަމަށެވެ. އަދި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފުން ހާމައެއް ނުކުރެ އެވެ.
މިފަހަކަށް އައިސް ދޭތެރެއަކުން ރިސޯޓުތަކުގައި އަލިފާނުގެ ހާދިސާ ހިނގަ އެވެ. އަދި ބައެއް ހާދިސާތަކުގައި ބޮޑެތި ގެއްލުންތައްވެސް ލިބިފައިވެެއެވެ.