ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލާއި ހިލާފަށް ގއ. މާމެންދޫއަށް ދިޔަ މީހަކަށް ފިޔަވަޅު އަޅައިފި އެވެ. 

ފުލުހުން ބުނީ ފިޔަވަޅު އެޅުމަށްފަހު އޮންނަ އުސޫލުގެ ތެރެއިން އެ މީހާ މާމެންދޫ ކައުންސިލާ ހަވާލުކުރެވިފައިވާކަމަށެވެ. ނަމަވެސް މާމެންދޫގައި މީހުން ކަރަންޓީން ކުރެވޭނެގޮތެއް ނެތުމުން ފުލުހުންގެ އެހީތެރިކަމާއެކު އެ މީހާ ގއ. ނިލަންދޫއަށް ގެންގޮސް އެ ރަށު ކައުންސިލާއި ހަވާލުކުރެވިފައިވާކަމަށް ފުލުހުން ބުންޏެވެ.

ކޮވިޑް-19 އިން ރައްކާތެރިވެ ތިބުމަށް އަޅަން މަޖުބޫރު ފިޔަވަޅެއްގެ ގޮތުގައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު، ކަރަންޓީންވާންޖެހޭގޮތަށް އުސޫލު ވަނީ އެކުލަވާލައިފަ އެވެ. އެގޮތުން މާލެ އިން އެއްވެސް ރަށަކަށް ދަތުރުކުރާނަމަ 10 ދުވަސް، ރިސޯޓަކުން ރަށަކަށް ދަތުރުކުރާނަމަ 10 ދުވަސް، ގެސްޓު ހައުސް ހިންގާ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ 10 ދުވަސް، ކޮވިޑްގެ އެކްޓިވް ކޭސްއެއް ހިމެނޭ ރަށަކުން އެހެން ރަށަކަށް ދަތުރުކުރާނަމަ 10 ދުވަސް ކަރަންޓީންވާންޖެހެ އެވެ. ނަމަވެސް ރަށްރަށުން މާލެ އަންނަ ފަރާތްތައް ކަރަންޓީންވާކަށް ނުޖެހެ އެވެ. 

ކުރިން އޮންނަ އުސޫލުން ނަމަ ކަރަންޓީންގެ މުއްދަތަކީ 14 ދުވަސް އެވެ. ނަމަވެސް ކޭސްތަކުގެ އަދަދު މަދުވާން ފެށުމުން ލިޔެއްގެ ގޮތުން ވަނީ 10 ދުވަހަށް ދަށްކޮށްފަ އެވެ.

މިދިޔަ މާޗު މަހުގެ 12 ވަނަ ދުވަހު އިއުލާންކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 10 ވަނަ ފަހަރަށް ހޯމަ ދުވަހު ވަނީ އިތުރުކޮށްފަ އެވެ. ހެލްތު މިނިސްޓްރީން ބުނީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކުރަން ނިންމީ ފުޅާ ދާއިރާއެއްގައި މި ބަލި ރާއްޖޭގައި ފެތުރުމުގެ ފުރުސަތު އަދިވެސް އޮތް ކަމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެއްވޭތީ، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.