ދީނަށް ފުރައްސާރަކުރުމަކީ ކުށެއްކަން 'ނަފްރަތުގެ ބިލް' ގައި ތަކުރާރުކުރަން ޖެހޭތޯ ސުވާލުއުފައްދަވާ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރަށް ރައްދު ދެއްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ސަރުކާރުގެ ފަރާތުން ވަނީ ނަފްރަތުގެ އަމަލުތަކަކީ ކުށެއްކަމުގައި ކަނޑައެޅުމަށް ގާނޫނުލް އުގޫބާތަށް އިސްލާހު ހުށައަޅާފައެވެ. އެހެންނަމަވެސް، އެ ބިލުގައި ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމަށް ބަޔާންކޮށްފައިނުވާތީ އިސްލާމިކް މިނިސްޓްރީންނާއި ދީނީ އިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީޑިއާއަކަށް ދެއްވި އިންޓަރވިއުއެއްގައި އިސްލާމިކް މިނިސްޓަރ ވަނީ އެ ބިލުގައި ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ލިބޭ އަދަބުތަކުގެ ވާހަކަ ނެތުމުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެ މިނިސްޓްރީން ވަނީ މި ބިލަށް ގެންނަން ފެންނަ އިސްލާހުތައް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ވެސް ފޮނުވާފައެވެ.

އިސްލާމިކް މިނިސްޓަރ ދެއްކެވި ވާހަކަތަކަށް ރައްދުދެއްވާ އެ ކޮމިޓީގެ މުގައްރިރު އިންތި ވަނީ މިހާރުވެސް ގާނޫނުލް އުގޫބާތުގައި ކަނޑައަޅާފައިވާ ކުށެއް ތަކުރާރުކޮށް އެ ބިލުގައި ހިމަނަން ޖެހޭތޯ ސުވާލުއުފައްދަވާފައެވެ. އަދި ކުރިން އޮތް ގޮތް ބަދަލުކުރަން ބޭނުން ނަމަ އަލުން އެެހެން ބިލެއް ހުށައެޅުއްވަން ނުޖެހޭނެތޯ ވެސް ސުވާލު އުފެއްދެވިއެވެ.

އިންތި ވިދާޅުވި ގޮތަށް ދީނަށް ފުރައްސާރަ ކުރުމަކީ މިހާރުވެސް ކުށެކެވެ. އެގޮތުން ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި ވަރަށް ސާފުކޮށް އިސްލާމްދީނާ އިދިކޮޅު ޢަމަލުތަކަކީ ޖުނަހް 1 ވަނަ ދަރަޖައިގެ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާކަން ބަޔާންކޮށްފައިވެއެވެ. އަދި އެ ކުށްތައް ތަފްސީލުވެސް ކޮށްދީފައިވެއެވެ.

ނަފްރަތުގެ ބިލް ދިރާސާކުރުމަށް ފަހު، ބޮޑެތި އިސްލާހުތައް ގެނައުމަށްފަހު ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ވެސް ފޮނުވިއެވެ. އެހެންނަމަވެސް، އެމްޑީޕީ ޕީޖީން އެ ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށް ނިންމިއެވެ. މިކަމާއި ގުޅޭ ގޮތުން މެމްބަރުންގެ މެދުގައި ޚިޔާލު ތަފާތުވުންތަކެއް ވެސް އުފެދުނެވެ. އެގޮތުން، ބައެއް މެމްބަރުން ވަނީ ސަރުކާރުން މަޖިލީހަށް ފޮނުވި ބިލް، ދިފާއުކޮށްފައިނުވާތީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

0
0
0
2
1

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.