ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އަބޫ ދާބީގެ ވަލީ އަހްދު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ (ޔޫއޭއީ) ސިފައިންގެ ޑެޕިއުޓީ ސުޕްރީމް ކޮމާންޑަރ ޝޭހް މުހައްމަދު ބިން ޒަޔިދް އަލް ނަހްޔާންއާ ބައްދަލުކުރައްވައިފިއެވެ. 

ވަލީ އަހްދުގެ ގެކޮޅުގައި ބޭއްވެވި މި ބައްދަލުވުމުގައި، ކޮވިޑް-19ގެ ސަބަބުން ދެ ގައުމުގެ އިގްތިސާދަށް ލިބިފައިވާ ގެއްލުންތައް ހިއްސާކުރައްވާފައިވެއެވެ. އެގޮތުން، ރައީސް ޞާލިހުވަނީ ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި ޔޫއޭއީ އިން ދައްކުވައިދީފައިވާ ނަމޫނާ ފާހަގަކުރައްވާފައެވެ. އަދި ވަކިން ހާއްސަކޮށް، ކޮވިޑް-19 ހުއްޓުވުމަށްޓަކައި ޓެކްނޮލޮޖީގެ އެހީގައި ޔޫއޭއީއިން ކުރަމުންދާ މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ.

މީގެއިތުރުންވެސް، އަބޫ ދާބީ ފަންޑް ފޮރ ޑިވޮލަޕްމެންޓްގެ އެހީގައި ދިވެހިރާއްޖޭގައި ގިނަ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާކަން ފާހަގަކުރައްވައި، ރައީސް ޞާލިހު ވަނީ އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. ދިވެހިރާއްޖެއާއި ޔޫއޭއީއާ އޮންނަ ގުޅުން އިތުރަށް ހަރުދަނާކޮށް, ގިނަ ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ޝައުގުވެރިކަންވެސް ދެ ބޭފުޅުންވަނީ ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމުގައި ޝޭހް އަލް ނަހްޔާންވަނީ ދިވެހިރާއްޖެއަށް ގިނަ ދާއިރާތަކުން އެހީވާނެކަމުގެ ޔަގީންކަން އަރުވާފައެވެ. އެގޮތުން، މަސްވެރިކަން، ދަތުރުފަތުރު، ފަތުރުވެރިކަން އަދި ފުޑް ސެކިއުރިޓީގެ ދާއިރާއިން އެހީވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ވަނީ އަރުއްވާފައެވެ.

ޔޫއޭއީ އަކީ 1970ގެ އަހަރުތަކުން ފެށިގެން ދިވެހިރާއްޖޭގެ ތަރައްގީއަށް ނުހަނު ބޮޑު އެހީއެއް ފޯރުކޮށްދެމުން އަންނަ ގައުމެކެވެ. މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައި ބަޖެޓް ސަޕޯޓް ގޮތުގައި 50 މިލިއަން އެމެރިކާ ޑޮލަރު ހަދިޔާކޮށްފައިވެއެވެ. އަދި، ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓާއި މާފަރު އިންޓަނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމުގެ މަޝްރޫއަކީވެސް ޔޫއޭއީގެ އެހީގައި ކުރިއަށް ގެންދާ މަޝްރޫއުތަކެކެވެ.

ރައީސް ޞާލިހުގެ އަރިހުގައި މި ބައްދަލުވުމުގައި މިނިސްޓަރ އޮފް ފޮރިން އެފެއާރޒް އަބްދުﷲ ޝާހިދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.