ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރު މާޗު މަހު ނުބޭއްވޭނެކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ބުނެފިއެވެ.

ކައުންސިލް އިންތިހާބު ބޭއްވުމަށް ހަމަޖެހިފައި އޮތީ މިދިޔަ އަހަރުގެ އޭޕްރީލް މަހުއެވެ. ނަމަވެސް ކޮމިޑް-19ގެ ހާލަތު މާލޭގައި ގޯސްވުމާ ގުޅިގެން އިންތިހާބު، ގާނޫނަށް ބަދަލު ގެނެސްގެން ފަސްކުރިއެވެ. އަދި ދައުރު ހަމަވެފައިވާ ކައުންސިލަރުންގެ ދައުރު ދަންމާލިއެވެ.

މިކަމާއި ގުޅިގެން ރާއްޖެޓީވީ އިން ގެނެސްދިން ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ފަސްކޮށް ގާނޫނަށް ގެނެވުނު ބަދަލުތަކުން، އިންތިހާބު ބާއްވާނެ ތާރީހެއް އީސީއިން އިއުލާންކުރަންޖެހެނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލާތާ އެއް ހަފްތާ ތެރޭގައިކަމަށެވެ. އެގޮތުން، މާރޗު 6 ވަނަ ދުވަހު ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އީސީއިން އައީ ތައްޔާރުވަމުންނެވެ.

މާޗު 6 ވަނަ ދުވަަހަށް ޝެޑިއުލްކުރަން ނިންމީ މުހިންމު ގިނަ ކަންތައްތަކަކަށް ރިއާޔަތް ކޮށްފައިކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އެގޮތުން، އިންތިހާބު ބާއްވަން ގާނޫނުން ދީފައިވަނީ ކައުންސިލް އިންތިހާބު ފަސްކުރުމުގެ ބިލު ރައީސް ތަންފީޒުކުރައްވާތާ އެއް އަހަރު ދުވަހެވެ. އެހެންނަމަވެސް ރަމަޟާން މަސް އަންނަ އަހަރު އައުމުގެ ކުރިން އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާންކުރުމަށް އީސީ އިން ބޭނުންވާކަމަށް ވިދާޅުވިއެވެ. އިތުރަށް ޝަރީފް ވިދާޅުވީ، ކެމްޕޭން ކުރުމަށް ކެނޑިޑޭޓުންނަށް ގާނޫނުން ދިނުމަށް ލާޒިމްކުރާ މުއްދަތުވެސް ލިބޭނެކަމަށެވެ.

އެހެންނަމަވެސް، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދަންމާލުމަށް މިހާރު މިނިސްޓްރީ އޮފް ހެލްތުން ނިންމާފައިވާއިރު، މީގެ ސަބަބުން ކެމްޕޭންކުރުމާއި ވޯޓާސް ލިސްޓު އިއުލާންކޮށް ޝަކުވާ ހުށަހެޅުމަށް ދޭންޖެހޭ ވަގުތު ނުލިބޭނެއެވެ. 

އީސީގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ، ބުދަ ދުވަހު ބާއްވާ ކޮމިޝަނުގެ ބައްދަލުވުމުގައި އިންތިހާބާއި ގުޅޭ ކަންކަމުގައި ގޮތެއް ނިންމާނެކަމަށެވެ. އިންތިހާބު ބޭއްވުމާއި ގުޅޭ ގޮތުން އީސީއިން އަންނަނީ އެޗްޕީއޭއާ މަޝްވަރާވެސް ކުރަމުންނެވެ.

އީސީގެ އިންތިހާބު ބާއްވާނެ ވަކި ތާރީހެއް އަދިވެސް ކަނޑައެޅިފައި ނުވާއިރު، މިހާތަނަށް 100 މީހުންވަނީ ނަން އަނބުރާ ގެންގޮސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.