ވަގުތު ނޫހުގައި ޝާއިއު ކުރި ތަހުގީގީ ރިޕޯޓަކާ ގުޅިގެން އެ ނޫހުގެ ނޫސްވެރިންނަށް މަރުގެ އިންޒާރު ދެމުން ގެންދާތީ އެ މައްސަލަ ތަހުގީގު ކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)އިން ގޮވާލައިފިއެވެ.
ވަގުތުގެ ނޫސްވެރިން ވަނީ އައްޑޫ ސިޓީގައި ހައްދު ފަހަނައަޅާފައިވާ ފިކުރު ފެތުރެމުންދާ ގޮތާ ގުޅޭ ގޮތުން ރިޕޯޓެއް ޝާއިއުކޮށްފައެވެ. އެކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ނޫސްވެރިންގެ ފޮޓޯ އާންމުކޮށް ގިނަ އިންޒާރުތަކެއް ދަނީ ދެމުންނެވެ. އެގޮތުން މަރުގެ އިންޒާރު ވެސް ވަނީ ދީފައެވެ.
އެމްޖޭއޭއިން މިއަދު ކުރި ޓްވީޓެއްގައި ބުނީ "އައްޑޫ ހަރުކަށި ފިކުރުގެ ވިއުގަ - ފިތްކަނޑައިގެންދާހާ ވަރުގަދަ!" މި ނަމުގައި "ވަގުތު" ނޫހުން ޝާއިއުކުރި ލިޔުމަކާ ގުޅިގެން ސޯޝަލް މީޑިއާގައި "ވަގުތު" ނޫހުގެ ނޫސްވެރިންނަށް އިންޒާރު ދެމުން އަންނަކަމަށް އެ ނޫހުން، އެމްޖޭއޭގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.
"މިކަން މި ޖަމިއްޔާ އިން ވަރަށް ބޮޑަށް ކުށްވެރިކުރަން އަދި މި މައްސަލަ ވީހާ ވެސް އަވަހަށް ތަހުގީގުކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލަން." އެމްޖޭއޭގެ ޓްވީޓްގައި ބުނެފައިވެއެވެ.