ބައެއް ބާވަތުގެ ކުށްތައް ސާބިތުވުމުން ޤާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓޭ ގޮތަށް ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ބެހޭ ޤަވާއިދަށް ބާ ކައުންސިލް އޮފް ދަ މޯލްޑިވްސްއިން ބަދަލު ގެނެސްފިއެވެ.
އެގޮތުން މިއަދު އެ ކައުންސިލުން ވަނީ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާއި ބެހޭ ޤަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދު ގެޒެޓުކޮށްފައެވެ. އެގޮތުން އެ ގަވާއިދުގެ ދެވަނަ މާއްދާގެ ފަހަތަށް ވަނީ އެ މާއްދާގައި ބަޔާންކޮށްފައިވާ ޝަރުތެއް އުނިވެއްޖެކަން ބާ ކައުންސިލަށް އެނގިއްޖެނަމަ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓޭނެ ކަމަށް ލިޔެ މާއްދާއެއް އިތުރުކޮށްފައެވެ. ހަމައެހެންމެ މި މާއްދާގެ ދަށުން ބަޔާންކުރާ ކުށެއް ކޮށްފިކަން ސާބިތުވެއްޖެކަން ބާ ކައުންސިލަށް އެނގުމުން ވެސް ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭ ގޮތަށް ގަވާއިދު ވަނީ ބަދަލުކޮށްފައެވެ.
އެގޮތުން ހިމަނާފައިވަނީ ވައްކަމުގެ ކުށާއި، ސައްޚަ ލިޔުމަށް ބަދަލު ގެނައުމާއި، ނަކަލުކުރުމާއި އަދި މަކަރުވެރި އަމަލު ހިންގުމުގެ ކުށް ސާބިތުވިކަން ބާ ކައުންސިލް އެނގިއްޖެނަމަ ގާނޫނީ ވަކީލުކަމުގެ ހުއްދަ ހިފެހެއްޓޭ ގޮތަށް ވަނީ ގަވާއިދު އިސްލާހުކޮށްފައެވެ.
ވަކީލު ކަމުގެ ހުއްދަ ހިފަހައްޓައިފިނަމަ އަލުން ހުއްދަ ދޫކުރެވޭނީ ޖިނާއީ ބޮޑު ކުށެއްނަމަ ހުކުމް ތަންފީޒުކޮށް ނިމޭތާ ފަސް އަހަރު ވުމުންނާއި، އަދި ދެވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ކުށެއްނަމަ އެ ކުށެއް ތަންފީޒުކޮށް ނިމުމުން ނުވަތަ މަތީ މަރުހަލާގެ ކޯޓަކުން ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމުން ނުވަތަ ހުއްދަ ހިފެހެއްޓޭ ޝަރުތު ހުރިކަން ސާބިތުކޮށްދެވުމުންނާއި އަދި ސާބިތު ދަރަނީގެ ހުކުމާއި އެއްގޮތަށް ދަރަނި ދައްކަމުންދާކަން ސާބިތުކޮށްދިނުމުން ކަމަށް ވެސް ގަވާއިދުގައި ވަނީ ބަޔާންކޮށްފައެވެ.