ފަންނުވެރިންގެ ބިލް ޑްރާފްޓްކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ ދަށުން ހިންގަމުން އަންނަ ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް (އެންސީއޭ) ގެ ފަރާތުން މި މަސައްކަތް ހަވާލުކޮށްފައިވަނީ އަޒުރު ޗެމްބަރސް އެލްއެލްޕީއާއެވެ.
މިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހު އެންސީއޭ އާއި އަޒުރު ޗެމްބަރސްއާ ދެމެދު ވަނީ އެއްބަސްވުމުގައި ވެސް ސޮއިކޮށްފައެވެ.
މިކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވަނީ އެ މަސައްކަތް ފެށިގެންދިޔުމާއެކު އުފާކުރައްވާ ކަމަށް ވިދާޅުވެފައެވެ. މި ބިލަކީ ދިވެހި ފަންނާނުންގެ ޙައްޤުތައް ރައްކާތެރިކޮށް، ފަންނުތައް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޔުމްނާ ވިދާޅުވިއެވެ. އަދި މި ބިލު ފަރުމާ ކުރުމުގެ އެކި މަރުހަލާތަކުގައި ފަންނާނުންގެ ޚިޔާލުތައް ވަރަށް މުހިންމުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގައި އެކި ފަންނުގެ ހުނަރުވެރި ފަންނާނުން ހަރަކާތްތެރިވަމުން އަންނައިރު މިހާތަނަށް އައިއިރު ވެސް ފަންނުވެރިންގެ ހައްގުތައް ރައްކާތެރިކުރުމަށް ގާނޫނެއް ވުޖޫދަށް ގެނެވިފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ގިނަ އަދަދެއްގެ ފަންނާނުން އެކި ދުވަސްވަރު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެހެންކަމުން މި ބިލް ގާނޫނަކަށް ވެގެން އަންނައިރު މި ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.