ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)ގެ ހިންގުން އައު އޮފީހަކަށް މިއަދު ބަދަލުކޮށްފިއެވެ.
ޑީޕީއީ ކުރިން ހިންގަމުން އައިސްފައިވަނީ ފިލާ ބިލްޑިންގ ގައެވެ. އެތަނުގެ ޖާގައިގެ ދަތިކަމުގެ ސަބަބުން ޑީޕީއީގެ ހިންގުމަށް ދަތިވެފައިވާކަމަށް ކުރިންވެސް ޑީޕީއީއިން ވަނީ ހާމަކޮށްފައެވެ.
މިއަދު ބޭއްވެވި ހާއްސަ ރަސްމިއްޔާތެއްގައި ޑީޕީއީގެ އައު އޮފީސް އިމާރާތް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ. އައިޝަތު އަލީއެވެ. ހ.އަސްރަފީވިލާގެ 2 ވަނަ ފަންގިލާގައި ބޭއްވެވި ހާއްސަ ރަސްމިއްޔާތުގައި ޑެޕިއުޓީ މިނިސްޓަރ އޮފް އެޑިއުކޭޝަން މުހައްމަދު އިހުސާންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ބެލެނިވެރިކަމުގެ ދަށުން ހިންގާ ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން އުފެދިފައިވަނީ 1 ސެޕްޓެމްބަރު 1989 ގައެވެ. ޑީޕީއީއަކީ ޤައުމީ އަދި ބައިނަލްއަޤްވާމީ އިމްތިޙާންތައް އިންތިޒާމްކޮށް ބޭއްވުމުގެ ޒިންމާ އުފުލާ ތަނެވެ.