ސިވިލަ ސަރވިސް ކޮމިޝަންގެ ފަރާތުން އިންޓަރނެޓުގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންނަށާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކަށް ބޭނުންކުރެވޭ "ސީއެސްވިއުގަ އޮންލައިން" ޕޯޓަލް މިއަދު އިފްތިތާހުކޮށްފިއެވެ. މި ޕޯޓަލް އިފްތިތާހުކޮށްދެއްވާފައިވަނީ މިއަދު ހެނދުނު އެކޮމިޝަންގައި ބޭއްވުނު ރަސްމިއްޔާތެއްގައި އެކޮމިޝަންގެ މެމްބަރުންނެވެ. 

މިހާތަނަށް ސީއެސް ވިއުގަ ބޭނުން ކުރަމުން އައިސްފައިވަނީ ދައުލަތުގެ ނެޓްވާރކްގެ ތެރެއިން، ހަމައެކަނި އެ ނެޓްވާރކްގެ ޚިދުމަތްލިބޭ ސިވިލް ސަރވިސް އިދާރާތަކުގައެވެ. އެހެން ނަމަވެސް މިއަދުން ފެށިގެން އިންޓަރނެޓްގެ ޚިދުމަތް ލިބޭ ކޮންމެ ތަނެއްގައި ހުރި ދިވެހި ސިވިލް ސަރވިސްގެ ކޮންމެ މުވައްޒަފަކަށްވެސް ސީއެސްވިއުގަ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެ މުވައްޒަފެއްގެ މަޢުލޫމާތު ބަލާލެވޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. އަދި އިންޓަރނެޓްގެ ޒަރިއްޔާއިން ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކަށް މި ޕޯޓަލް އޮންލައިން ބޭނުން ކުރެވޭނެއެވެ. 

މި ޕޯޓަލްއާއެކު އަންނާނެ އެންމެ ބޮޑު އެއް ބަދަލަކީ ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމު އޮންލައިން ވެގެންދިއުން ކަމަށާއި މުވައްޒަފުންގެ މަސައްކަތްތައް ކުރަމުންދާ ގޮތާއި، މަސައްކަތުގެ ފެންވަރު ދުވަހުން ދުވަހަށް، ވަގުތުން ވަގުތަށް މި ޕޯޓަލް މެދުވެރިކޮށް ވަޒަން ކުރެވޭނެ ކަމަށް އެކޮމިޝަނުން ބުނެއެވެ. 

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެކޮމިޝަނުގެ ރައީސް މުޙައްމަދު ނާޞިޙް ވިދާޅުވީ މިއީ، ފުރިހަމަ ޑިޖިޓަލް ހިއުމަން ރިސޯސް މެނޭޖުމަންޓު ސިސްޓަމެއް ޤާއިމުކުރުމި ޕޯޓަލްއާއެކު އެކޮމިޝަނާއި ސިވިލް ސަރވިސް މުވައްޒަފުންނާއި ސިވިލް ސަރވިސްގެ އެންމެހާ އިދާރާތަކާއި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާވެ، ކޮމިޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށާއި، ދެވޭ ޚިދުމަތްތައް ހަރުދަނާކުރުމަށް މަގުފަހިވެގެންދާނެކަމަށް ވެސް ނާޞިޙް ވިދާޅުވިއެވެ. 

މީގެ ސަބަބުން 26 ހާހެއްހައި ސިވިލް ސަރވިސް މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށް ދައުލަތުގެ ބަޖެޓުން ކުރަމުން ދިޔަ ޚަރަދުތައް އެތައް ގުނައެއް ކުޑަވެގެންދާނެކަމަށާއި، މިއީ ސިވިލް ސަރވިސް އިން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު މަތިކޮށް، މުވައްޒަފުން އިތުރަށް ޒިންމާދާރުކުރުވުމަށް ގެނެވޭ މުހިއްމު ބަދަލެއް ކަމަށް ވެސް ނާޞިޙް ވިދާޅުވިއެވެ. ހަމައެހެންމެ މި ޕޯޓަލް އިތުރަށް ތަރައްޤީކޮށް ވަޒީފާއަށް އިއުލާނުކުރުމާއި، ވަޒީފާއަށް ކުރިމަތިލުމާއި، ވަޒީފާގެ ކުރިއެރުން ދިނުމާއި، އަދިވެސް ސިވިލް ސަރވިސް ވަޒީފާއާ ގުޅޭ އެންމެހާ ކަންތައްތައް 'ސިންގަލް ވިންޑޯ' އެއް މެދުވެރިކޮށް ދުރުނޫން މުސްތަޤުބަލެއްގައި ކުރެވިގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.