ދިވެހިރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީއާ މެދު އަޅުގަނޑުމެން އެންމެ ފަޚުރުވެރިވާން ހައްގު ކަމަށް ރާއްޖެއަށް ޓޫރިޒަމް ގެނައުމަށް އިސް ރޯލެއް އަދާކުރެއްވި އަދި މިސަރުކާރުގެ މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް (ކެރަފާ ނަސީމް) ވިދާޅުވެއްޖެއެވެ.
ނަސީމް މިހެން ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފެށުނުތާ 50 އަހަރު ފުރުން ފާހަގަކުރުން 2022 ވަނަ އަހަރު ކުލަގަދަކޮށް ފާހަގަކުރަން ނިންމައި މިހާރު ކުރިޔަށްގެންދާ ރަންޔޫބީލް ކައުންޓްޑައުންއަށް ދެއްވި ޚާއްސަ ވީޑިއޯ މެސެޖެއްގައެވެ. މި މެސެޖުގައި ނަސީމް ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފެށިގެންދިޔައީ ވަރަށް ކުޑަކުޑަ ގޮތަކަށް ކަމަށާއި އެހެން ނަމަވެސް މިހާރު އެ ދާއިރާއާ މެދު އެންމެން ފަޚުރުވެރިވާން މިހާރު ހައްގު ކަމަށެވެ. އެއީ މިހާރު ރާއްޖެއަކީ ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި އެންމެ މަޝްހޫރު މަންޒިލަށްވާތީ ކަމަށް ވެސް ނަސީމް ވިދާޅުވިއެވެ.
މިދިޔަ އަހަރު ބޭއްވި މޯލްޑިވްސް ޓްރެވަލް އެވޯޑްސްގައި ނަސީމްއަށް ވަނީ ޓޫރިޒަމް އިންޑަސްޓްރީގެ ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ވެސް އަރުވާފައެވެ. ދިވެހިރާއްޖޭގައި ޓޫރިޒަމްގެ ވިޔަފާރި އެންމެ ފުރަތަމަ ފެށުނީ 1972 ވަނަ އަހަރުއެވެ.
ޓޫރިޒަމްގެ ރަން އަހަރު ކައުންޓްޑައުންއާއެކު މުޅި 2021 ވަނަ އަހަރަށް ބަހާލައިގެން، ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ ބޭފުޅުންނާއި އެ ސިނާއަތް ތައާރަފްކުރުމުގައި މަސައްކަތްކުރި މުހިންމު ބައެއް ބޭފުޅުންގެ ހާއްސަ މެސެޖުތައް ޓޫރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ ޕޭޖްތަކުގައި ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ.