މާލޭގައި މި މަހު 20 ވަނަ ދުވަހު ބޭއްވި ކައިވެނީގެ ޕާޓީއަކަށް ދިޔަ މީހުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު 78އަކަށް އަރާފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގް މައުލޫމާތު ދީފައިވާ ގޮތުގައި، މިއީ ޝީ ބިލްޑިންގްގައި ބޭއްވެވި ޕާޓީއެކެވެ. މި ޕާޓީގައި ބައިވެރިވި މީހުންގެ އަދަދު 120 އަށް އަރާއިރު އޭގެ ތެރޭގައި ހައި ރިސްކް މީހުންނާއިި ތަފާތު ބަލިބައްޔަށް ފަރުވާ ހޯދަމުންދާ މީހުންގެ އިތުރުން، އުމުރުން 8 މަހާއި 9 މަހުގެ ތުއްތު ކުދިންވެސް ހިމެނެއެވެ.

ހެލްތު އެމެޖެންސީ އޮޕަރޭޝަންސް ސެންޓަރުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ.ނަޒްލާ ރަފީގް ވިދާޅުވި ގޮތުގައި، މި ކްލަސްޓަރގެ ފުރަތަމަ ކޭސް ފެނުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އޭގެ ފަހުން، ހުކުުރު ދުވަހު 12 މީހަކު އަދި ހޮނިހިރު ދުވަހު 21 މީހަކު މި ކްލަސްޓަރ އިން ޕޮޒިޓިވްވެފައިވެއެވެ.

އެޗްޕީއޭއިން އިތުރަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ޕާޓީގައި ކޮވިޑްގެ އަލާމާތްތައް ހުރި ބަޔަކުވެސް ބައިވެރިވެފައިވެއެވެ. މި ހަފްލާގައި ބައިވެރިވި ފަރާތްތައް އެޗްޕީއޭގެ ހޮޓްލައިން 1676އަށް ގުޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

އަދި، ޕާޓީގައި ބައިވެރިވި ފަރާތްތަކަށް އެޗްޕީއޭއިން ނުގުޅި ނަމަވެސް، އެކަހެރިވެ ތިބުމަށްވެސް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ގިނަ ފިޔަވަޅުތަކަށް މިހާރު ލުއި ދީފައިވާއިރު، ހުރިހާ ފަރާތްތަކުންވެސް އެޗްޕީއޭއިން އާންމުކޮށްފައިވާ ގައިޑްލައިންތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގާފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.