ގދ.ފަރެސްމާތޮޑާގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓްގެ އަމަލީ މަސައްކަތް ފެށުމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ތައްޔާރުވެއްޖެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެމްޓީސީސީއިން ވަނީ 1 ޖެނުއަރީ 2021 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައެވެ.
ގދ.ފަރެސްމާތޮޑަގައި ތަރައްގީކުރާ ޑޮމެސްޓިކް އެއަރޕޯޓަކީ ބާރަ ސަތޭކަ މީޓަރު ދިގު ރަންވޭއަކާއެކު ގާއިމްކުރުމަށް ހަމަޖެހިފައިވާ އެއަރޕޯޓެކެވެ. އެއަރޕޯޓް އެޅުމަށްޓަކާ އެރަށުގެ ފަޅުތެރެއިން 9.8 ހެކްޓަރުގެ ސަރަހައްދެއް ހިއްކާފައިވެއެވެ.
މި މަޝްރޫއަށް 144.8 މިލިއަން ރުފިޔާ ހޭދަވާނެކަމަށް ބެލެވޭއިރު، މަޝްރޫއުގެ ދަށުން އެއަރޕޯޓު ހިމެނޭ ސަރަޙައްދުން ފެށިގެން ރަށުގެ ބަނދަރާއި ހިސާބަށް މަގު ހެދުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި، ޓާމިނަލް ގާއިމްކޮށް، ޓާމިނަލަށް ބޭނުންވާ ވަސީލަތްތައްވެސް އެމްޓީސީސީއިން ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.