މި ނިމިދިޔަ 2020ވަނަ އަހަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރުކަމަށް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ. 

2020 ވަނަ އަހަރު ނިމުމާއި ގުޅިގެން ޓްވީޓް ކުރައްވަމުން އާދަމް އާޒިމް ވިދާޅުވީ، 2020 ވަނަ އަހަރު އެމްޓީސީސީއިން 34 ޕްރޮޖެކްޓް ނިންމާފައިވާކަމަށެވެ. މިއީ އެމްޓީސީސީގެ 40 އަހަރުގެ މާޒީގައިވެސް އެންމެ ގިނަ ޕްރޮޖެކްޓް އެއް އަހަރުގެ ތެރޭގައި ނިންމާލި އަހަރެވެ. އެގޮތުން، މި އަހަރުގެ ތެރޭގައި 10 ރަށަށްވުރެ ގިނަ ރަށުގެ ބަނދަރު ތަރައްގީ ކޮށްފައިވާއިރު، ހއ.ހޯރަފުށި އަދި ގދ.މާވަރުލު އެއާރޕޯޓުގެ މަސައްކަތްވެސް އެމްޓީސީސީއިން ވަނީ ކޮށްފައެވެ.

މީގެ 40 އަހަރު ކުރިން އެމްޓީސީސީ ފެށުނީ ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ދިނުމުގެ އަމާޒާއެކުއެވެ. ކުޑަ ގޮތަކަށް ފެށި އެ ކުންފުންޏަކީ މިހާރު ދިވެހިރާއްޖޭގައި އޮޕަރޭޓްކުރާ ކުންފުނި ތަކުގެ ތެރެއިން އެންމެ އިކުއިޕްމެންޓް ގިނަ ކުންފުންޏެވެ. ފާއިތުވި 2020 ވަނަ އަހަރުވެސް އެ ކުންފުނީގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު، މިހާރު ކުރިއަށްދާ އުމްރާނީ ތަރައްގީގެ ބޮޑު ހުރިހާ މަޝްރޫއުއެއްގައި އެމްޓީސީސީގެ ހިއްސާއޮވެއެވެ. 

ހިއްސާ ވިއްކައިގެން ދިވެހިރާއްޖޭގައި ހިންގާ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ކުންފުނި ކަމުގައިވެސް ހިމެނޭ އެމްޓީސީސީގައި 24،000 ހިއްސާދާރުން ތިބެއެވެ. ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ އިގްތިސާދު އިންތިހާއަށް ދަށަށް ގޮސްފައިވާ މި ދަނޑިވަޅުގައިވެސް، ވޭތުވެދިޔަ އަހަރުތަކަށްވުރެ ކުންފުނީގެ ހިއްސާދާރުންނަށް މި އަހަރުގެ ފައިދާއިން ލިބޭ މިންވަރު ރަނގަޅުވާނެ ކަމަށް އާދަމް އާޒިމްވަނީ ކުރިން ހާމަކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.