މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ދަށުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ޒަމާނީ ފެންވަރަށް ތަރައްގީކޮށް ކަނބާއައިސާރަނި މަގު ހުޅުވައިފިއެވެ. މާލެ އަދި ވިލިމާލޭގައި މިއަދު ފާހަގަކުރާ ފައިމަގު ހިނގުމުގެ ވަގުތު
ފާހަގަކުރަމުން ހަވީރު 4:00 ގައި މަގު ހުޅުއްވައިދެއްވީ މާފަންނު ހުޅަނގު ދާއިރާގެ
ރައްޔިތުންނެވެ.

އެ މަގުހުޅުވީ އެ ރައްޔިތުންގެ ފަރާތުން ބައެއް ރައްޔިތުން ބައިވެރި މަގުގައި ބޭއްވި ހިނގާލުމަކުންނެވެ. މި ހިނގާލުމުގައި މާލޭ ސިޓީގެ މޭޔަރ ޞިފާ މުޙައްމަދާއި ރައްޔިތުންގެ މަޖްލިސްގެ މާފަންނު ހުޅަނގުދާއިރާގެ މެމްބަރ މުޙައްމަދު ފަލާހް ބައިވެރިވެވަޑައިގެންނެވިއެވެ. 

ދުއްވާ އެއްޗެއްސަށާއި ހިނގާ މީހުންނަށް ފަސޭހަވާނެގޮތަކަށް މި މަގު ތަރައްގީކޮށްފައިވާއިރު ހިތްފަސޭހަކަން ގެނެސްދިނުމަށް ގަސްއިންދާފައިވާ ގަސްމުށިތަށް އަރިމަތީގައި ބަހައްޓާފައިވެއެވެ. މީގެކުރިން ކަނބާއައިސާރަނި ހިނގުމަކީ ފެންބޮޑުވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވި މަގެއް ނަމަވެސް މިހާރު އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ. އެކިއެކި ބޭނުމަށް މަގު ކޮނުމުގައި މަގުގެ މެދުން ނުކޮނެ އަރިމަތިން ކޮނެގެން އެފަދަ ކަންކަން ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖެހިގެންގޮސްފައެވެ. އެއްގަމު އުޅަނދު ޕާކް ކުރުމަށް ޚާއްސަ ސަރަހައްދުތައް ކަނޑައެޅިފައިވާއިރު މުދާއަރުވާ ބޭލުމަށާއި ޓެކްސީ ހޯދުމަށް ޚާއްޞަ ސަރަހައްދުތަކެއް ވެސް މަގުގައި ވަނީ ކަނޑައެޅިފައެވެ. 

މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ފައްޓަވާދެއްވީ ނިމިދިޔަ 2020 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހުއެވެ. ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ
މަގުފަހިކޮށްދީ މަގުތަކުގައި ފެންބޮޑުވުން ހުއްޓުވައިދީ މަސައްކަތްތައް ކުރުމަށް މަގުތައް ކޮނުން ހުއްޓުވުމުގެ އިތުރުން މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޑީވޯޓަރިންގ ގެ މައްސަލައަށް ވެސް ހައްލެއް ލިބިގެންދާނެއެވެ.

ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މި މަޝްރޫޢުއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ޚަރަދަވާނެކަމަށް އަންދާޒާކުރެވެއެވެ. މަޝްރޫޢުގެ ދަށުން 5 ވައްތަރެއްގެ މަގުތައް ތަރައްޤީކުރާއިރު ޖުމްލަ 18.08 ކިލޯމީޓަރގެ މަގު މާލޭގެ އެކި ސަރަޙައްދުތަކުން ހެދޭނެއެވެ. މިހާރު ފެށިގެން މިދަނީ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓެވެ. މި ސެގްމެންޓްގެ ދަށުން 1.94 ކިލޯމީޓަރގެ މަގުހެދުމަށްވަނީ ހަމަޖެހިފައެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އާރުޑީސީއާ ހަވާލުކޮށްގެންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.