ދިވެހިރާއްޖޭގެ ޓޫރިޒަމް ބްރޭންޑަށް މުޅި ދުނިޔޭގައިވެސް އޮތް އިތުބާރެ ފެންނަކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، "މޯލްޑިވްސް ޓޫރިޒަމް ބުލެޓިން"ގެ ފުރަތަމަ އެޑިޝަން އަށް ދެއްވި ހާއްސަ މެސެޖެއްގައެވެ.

މި މެސެޖުގައި ރައީސްވަނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތް ފާއިތުވި 48 އަހަރުގެ ތެރޭގައި ކުރިއަރާފައިވާ މިންވަރުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދިވެހިރާއްޖޭގެ ޓޫރިޒަމް ސިނާއަތް ކުރިއަރައި ދިޔައީ ދިވެހިރާއްޖޭގެ ރީތިކަމަކުން އެކަންޔެއް ނޫނެވެ. އެގޮތުން، ދިވެހިރާއްޖެއަކީ އެންމެ މަގުބޫލު ޑެސްޓިނޭޝަނަށް ހެދުމުގައި މި ދާއިރާގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކުން ކުރެއްވި މަސައްކަތް ރައީސް ފާހަގަކުރެއްވިއެވެ. 

ކޮވިޑް-19ގެ ސަބަބުން ޓޫރިޒަމް ސިނާއަތަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށްވެސް ރައީސް އަލިއަޅުވާލެއްވިއެވެ. ކޮވިޑް-19ގެ ސަބަބުން ދަތުރުފަތުރުކުރުމުގެ ނިޒާމަށް ބުރޫއަރާ، ދިވެހިރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން މަޖުބޫރުވުމުގެ ސަބަބުން ޓޫރިޒަމް ސިނާއަތް ދުވަހަކުވެސް ދަށަށްނުދާ މިންވަރަށް ދަށަށް ދިޔަކަން ރައީސް ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ޖުލައި މަހު ބޯޑަރު ހުޅުވާލުމާއެކު، މިހާރު ރާއްޖެއަންނަ ޓޫރިސްޓުންގެ އަދަދު ދަނީ އިތުރުވަމުންނެވެ. 

ރައީސް ފާހަގަކުރެއްވި ގޮތުގައި، މިކަމުން ދައްކުވައިދެނީ ދިވެހިރާއްޖޭގެ ޓޫރިޒަމް ބްރޭންޑަށް މުޅި ދުނިޔޭގައިވެސް އޮތް އިތުބާރެވެ. ޖުލައި މަހުން ފެށިގެން ކޮންމެ މަހަކުވެސް އަންނަ ޓޫރިސްޓުންގެ އަދަދު އިތުރުވެފައިވާއިރު، މިއީ ޓޫރިޒަމް މިނިސްޓްރީއާއި ހެލްތު އޮތޯރިޓީސް ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށް ރައީސް ވިދާޅުވިއެވެ. 

ރައީސްގެ ހާއްސަ މެސެޖު ނިންމަވާލައްވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ކޮވިޑް-19އަށް މިހާރު ވެކްސިންތައް ޑިވެލޮޕްކުރެވި، މުޅި ދުނިޔެ އަނެއްކާވެސް އާންމު ހާލަތަށް އެޅެމުންދާއިރު، މި ފެށުނު 2021 ވަނަ އަހަރު ވެގެންދާނީ ޓޫރިޒަމް ސިނާއަތަށް ކާމިޔާބު އަހަރަކަށެވެ. 

މިއަދު "މޯލްޑިވްސް ޓޫރިޒަމް ބުލެޓިން" ލޯންޗުކޮށްފައިވާއިރު، މި ސިނާއަތަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ކައުންޓްޑައުންވެސްް ޓޫރިޒަމް މިނިސްޓްރީއިން ވަނީ ފަށާފައެވެ. ޓޫރިޒަމް ސިނާއަތަށް 50 އަހަރު ފުރޭނީ އަންނަ 2022 ވަނަ އަހަރުއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.