މިއީ މުޅިދުނިޔޭގައި ވެސް މިފަދަ ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ. މި ޕްރޮގްރާމަކީ ކޮވިޑް19ގެ ބަލިމަޑުކަމާއެކު ދިވެހިރާއްޖޭގެ ބޯޑަރު ބަންދުކުރުމާއި ގުޅިގެން، ފަތުރުވެރިން ރާއްޖެއައުން ހުއްޓި، ޤައުމުގެ އިޤްތިޞާދަށް އައި ހީނަރުކަމުން އަރައިގަނެ، ރާއްޖޭގެ ފަތުރުވެރިކަން އާ ހަރުފަތަކަށް ގެންގޮސް، އިތުރަށް ކުރިއެރުވުމަށްޓަކައި މޯލްޑިވްސް އިމިގްރޭޝަންގެ އިސްނެގުމާއެކު، މިނިސްޓްރީ އޮފް ޓޫރިޒަމް، މޯލްޑިވްސް މަރކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަދި މޯލްޑިވެސް އެއަރޕޯޓްސް ކޮމްޕެނީ ގުޅިގެން ފަށާފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މެމްބަރަކަށްވުމުގެ ފުރުސަތު ރާއްޖެ އަންނަ ކޮންމެ ފަތުރުވެރިއަކަށް ވެސް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމް މައިގަނޑު ގޮތެއްގައި ބިނާވެގެން ވަނީ ފަތުވެރިޔާ ރާއްޖެ ޒިޔާރަތްކުރާ އަދަދަށާއި އަދި ރާއްޖޭގައި ހޭދަކުރާ ދުވަހުގެ އަދަދަށެވެ. ޚާއްސަ މުނާސަބާތަކާއި ގުޅުވައިގެން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ޕޮއިންޓުތަކެއް މި ޕްރޮގްރާމުގައި ލިބިގެންދާނެއެވެ. 

މި ޕްރޮގްރާމުގެ ބައިވެރިންނަށް ލިބޭ ޚާއްސަ ފައިދާތައް ބެހިގެންވަނީ ތިން ދަރަޖައަކަށެވެ. އެއީ އައިދު (ލޮއިދަރަޖަ)، އަންތަރަ (ރިހި ދަރަޖަ) އަދި އަބާރަނަ (ރަން ދަރަޖަ) އެވެ. މިއިން ކޮންމެ ދަރަޖައެއް ހާސިލްކުރާ ފަތުރުވެރިއަކަށްވެސް އެފަތުރުވެރިއަކު ހާސިލްކުރާ ދަރަޖައަކާއި ގުޅޭ ޚާއްސަ ފައިދާ ތަކެއް ލިބިގެން ދާނެއެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވާ ފަތުރުވެރިންނަށް ލިބޭ ޕޮއިންޓު އިތުރުވަމުންދާ މިންވަރަކަށް، ފަތުރުވެރިންނަށް ލިބިގެންދާ ފައިދާތަކާ ޚިދުމަތްތައްވެސް އިތުރުވެގެންދާނެއެވެ.

މި ޕްރޮގްރާމް ފެށުމުގެ ގޮތުން ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސައިން، އެމް.އެމް.ޕީ.އާރ.ސީ ގެ މެނޭޖިންގ ޑިރެކްޓަރ ތައްޔިބު މުޙައްމަދު، މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު އާތިފް އަދި އެމް.އޭ.ސީ.އެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މީގެ އިތުރުން މިޕްރޮގްރާމްގެ އެކިއެކި އިޝްތިހާރުތަކާއި ޕޯސްޓަރ ތަކުގައި ހިމަނާފައިވާ މޮޑެލުން، ދިވެހި ސަގާފީ ހެދުމުގައި ބޯޑަރ މައިލްސްގެފުރަތަމަ މެމްބަރަށް މަރުހަބާ ދެންނެވިއެވެ.

މި ޕްރޮގްރާމް ފެށުމާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު އަޙުމަދު ޙުސެއިން (ހަނަފީ) ވިދާޅުވީ، މިފަދަ ޕްރޮގްރާމެއް ފެށުމުގެ ވިސްނުން އައީ، ފަތުރުވެރިޔާގެ ދަތުރު ރާއްޖެއިން ފެށެނީ އިމިގްރޭޝަން އޮފިސަރާއި ހަމައިންކަމުގައިވުމުން ކަމަށެވެ. އަދި މިޕްރޮގްރާމުގެ ސަބަބުން ތަކުރާރުކޮށް ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވެގެން ދާނެކަމަށް ކޮންޓްރޯލަރ ވިދާޅުވި އެވެ. އަދި މިއީ، ސަރުކާރުގެ އިސްތިރާޖީ ޕްލޭންގައިވާ ނޫ އިގްތިސާދުގެ ސިޔާސަތުގެ ދަށުން ފަތުރުވެރިކަން އިތުރަށް ކުރިއެރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމުގައި ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމް.އެމް.ޕީ.އާރް.ސީގެ މެނޭޖިން ޑިރެކްޓަރު ޠައްޔިބު މުހައްމަދު ވިދާޅުވީ، 2021 ވަނަ އަހަރު ދިވެހިރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައި މޯލްޑިވްސް ބޯޑަރ މައިލްސްގެ ކާޑު ހަވާލުކުރެވިފައިވާއިރު މި ޕްރޮގްރާމްއަކީ ކާމިޔާބު ޕްރޮގްރާމަކަށްވުމުގެ އުންމީދުއޮތްކަމަށެވެ އަދި މި ޕްރޮގްރާމް މެދުވެރިކޮށް ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުއިތުރުވެ ފަތުރުވެރިކަމުގެ ދާއިރާއަށް މީގެ ސަބަބުން މަންފާތަކެއް ކުރާނެކަމަށްވެސް އުއްމީދު ކުރައްވާކަމަށް ތޮއްޔިބު ވިދާޅުވި އެވެ.

ރާއްޖޭގައި ރަޖިސްޓަރ ކޮށްގެން ހިންގާ ފަތުރުވެރިންނަށް ޚިދުމަތްދޭ ހުރިހާ ތަނަކަށް ވަނީ މި ޕްރޮގްރާމްގެ ޕާޓްނަރަކަށްވުމުގެ ފުރުސަތު ހުޅުވާލާފައެވެ. އަދި މި ޕްރޮގްރާމާއި ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު، ބޯޑަރ މައިލްސްގެ ވެބްސައިޓް، bordermiles.mv އަށް ޒިޔާރަތް ކުރެއްވުމުން ލބިގެންދާނެކަމަށް އިމިގްރޭޝަނުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.