ނިމިގެން މިދިޔަ 2020 ވަނަ އަހަރު ދިވެހިރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދު 554،800އަށް އަރާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.
ކޮވިޑް 19 އާ ގުޅިގެން ބޯޑަރު ބަންދުކުރުމަށްފަހު ޖުލައި 15 ވަނަ ދުވަހު އަލުން ހުޅުވާލުމާއެކު ރާއްޖޭގެ ޓޫރިޒަމް އަންނަނީ ދުވަހެއް ދުވަހަކަށް ރަނގަޅުވަމުންނެވެ. ޔޫރަޕުގެ ގައުމުތަކަށް ފިނި މޫސުން އައުމާއެކު ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑު ތަނުން ވަނީ އިތުރުވެފައެވެ.
ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު ޖުލައި 15 ވަނަ ދުވަހު ބޯޑަރު ހުޅުވާލުމަށްފަހު ވެސް އެއް ލައްކަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.
2020 ވަނަ އަހަރު ނިމުމާއި ގުޅިގެން މިއަދު ޓްވީޓް ކުރައްވަމުން ޑރ. މައުސޫމް ވިދާޅުވީ، ދިވެހިރާއްޖެއަށް 554،800 ޓޫރިސްޓުން އައުމަކީ ހުރިހާ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާކަމަށެވެ. މިއަދު ދިވެހިރާއްޖެއަކީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ޑެސްޓިނޭޝަނެއްކަން ފާހަގަކޮށް، އެކަމަށްޓަކައި ހުރިހާ ރައްޔިތުންނަށް ޑރ. މައުސޫމް ޝުކުރު އަދާކުރެއްވިއެވެ.
ދުނިޔޭގެ އެކިކަންކޮޅުތަކުން މިހާރު ރާއްޖެއަށް 27 އެއާލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. ހަމައެހެންމެ ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދިޔަ އެންމެ ބޮޑު އެއް ކުރިއެރުމަކީ ވޯލްޑް ޓްރެވަލް އެވޯޑްސްގައި ލީޑިންގ ޑެސްޓިނޭޝަންގެ މަގާމު ލިބިގެންދިޔުމެވެ.