މި ނިމޭ 2020 ވަނަ އަހަރު އެއްބައިވަންތަކަމުގެ ރިވެތި ނަމޫނާއެއް ދިވެހިން ދައްކައިފިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، އައު އަހަރުގެ ތަހުނިޔާ ދިވެހި ރައްޔިތުންނަށް ފޮނުވުމަށް ކުރެއްވި ހާއްސަ ޓްވީޓެއްގައެވެ.
މި ޓްވީޓްގައި ރައީސްވަނީ، 2020 ވަނަ އަހަރަކީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވި އަހަރެއްކަމަށް ސިފަ ކުރައްވާފައެވެ. އެހެންނަމަވެސް، ކުރިމަތިވި ހުރިހާ ގޮންޖެހުންތަކާއެކުވެސް ދިވެހިން ނަމޫނާ ދައްކައިފިކަަމަށް ރައީސް ވިދާޅުވިއެވެ.
އެގޮތުން، އެއްބައިވަންތަކަމާއި މުޖުތަމައުގެ ފައިދާއަށްޓަކައި ގުރުބާންވުމުގެ ރިވެތި ސިފަ ދިވެހިންގެ ކިބައިން ފެނިގެންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ފެށޭ 2021 ވަނަ އަހަރަކީ މި ސިފަތަކުން ޖަރީވެފައިވާ އަހަރަކަށް ވާނެކަމަށް އުންމީދުކުރައްވާކަމަށެވެ. ޓްވީޓް ނިންމަވާލައްވަމުން ރައީސްގެ ދެ ކަނބަލުން ވަނީ އައު އަހަރުގެ ތަހުނިޔާ ހުރިހާ ރައްޔިތުންނަށް ފޮނުވާފައެވެ.