އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާކުރުމުގައި ލުއިގޮތެއް ހޯދައިދިނުން ކަމުގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިހެން ވިދާޅުވީ، މި ފެށޭ އައު އަހަރުގެ މުނާސަބަތުގައި ދެއްވި ހާއްސަ މެސެޖެއްގައެވެ. 

މި މެސެޖުގައި ރައީސް ނަޝީދު ވަނީ ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖޭގެ އިގްތިސާދަށް ލިބިފައިވާ ގެއްލުމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން، ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުގެ ސަބަބުން ދައުލަތުގެ މާލީ ހާލަތު އިންތިހާއަށް ދަށްވެފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. 

"ރިޒޯޓުތަކުގެ އޮކިއުޕެންސީ 80 އިންސައްތައަށް ދިޔަކަމުގައިވީނަމަވެސް، އަދި 150 ހާސް ޓަނުގެ މަސް ވިއްކުނުކަމުގައި ވީނަމަވެސް، ދައުލަތުގެ މާލީ ހާލަތު ރަނގަޅެއް ނޫން" ރައީސް ނަޝީދު ވިދާޅުވިއެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅުނޫންކަން ފާހަގަކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ، ކުރީ ސަރުކާރުން އިންތިހާއަށް ލޯނުތައް ނަގާފައިވާކަމަށެވެ. ދައުލަތަށް ފައިދާވާ ހާލަތުގައިވެސް ދަރަނި އަދާނުކުރެވޭއިރު، މިހާރު މިއޮތް ހާލަތުގައި ދަރަނި އަދާކުރަން މާ ދަތިވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އުންމީދަކީ ޗައިނާއިން އަނގަބަހުން ވެފައިވާ ވައުދުތައް ފުއްދައި ދަރަނިތައް އަދާކުރުމުގައި ލުއިގޮތެއް ހޯދައިދިނުމެވެ. ޗައިނާއަށް ދިވެހިރާއްޖެއިން ދައްކަން ޖެހޭ ލޯނުތައް ފަސްކޮށްދިނުމަށް ރައީސް ނަޝީދު ވަނީ ކުރިންވެސް ގޮވާލައްވާފައެވެ.

ޗައިނާއާއި އެއްވެސް ދެކޮޅުވެރިކަމެއް ނެތްކަމަށާއި އެހެންނަމަވެސް، މާމަގެ ފައްޓަރުބައި ވިއްކައިގެންވެސް ދަރަނި ނުދެއްކޭ ހާލަތަށް ދިވެހިރާއްޖޭގެ އިގްތިސާދު ވެއްޓިފައިވާކަމަށް ރައީސް ނަޝީދު ވަނީ ކުރިން ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޭންގް ލީޖޮންގް ވިދާޅުވީ، ރާއްޖެއަށް އަބަދުވެސް އެހީވުމަށާއި ކުރިޔަށް އޮތްތަނުގައި ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ޗައިނާ އިން ތައްޔާރަށް އޮތް ކަމަށެވެ.

ޗައިނާއަށް ދިވެހިރާއްޖެއިން ދައްކަން ޖެހޭ ގިނަ ލޯނުތައް ފަސްކޮށްފައިވާކަމަށް ސަރުކާރުންވަނީ ކުރިން ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.