ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ ކުރަމުންދާ ހިޔާ ޕްރޮޖެކްޓްގެ ދަށުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިމާރާތްކުރާ ފްލެޓްތައް ލިބޭ މުވައްޒިފުންގެ ދާއިމީ ލިސްޓު މިއަދު އާންމުކޮށްފިއެވެ.

މި ފްލެޓްތައް ދޭ މުވައްޒިފުންގެ ވަގުތީ ލިސްޓު އެމްޕީއެލް އިން އާންމުކޮށްފައިވަނީ 2018 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެހެންނަމަވެސް، އޭރު ނެރެފައިވާ ވަގުތީ ލިސްޓު ކެންސަލްކޮށް، ހަރުދަނާ ޕޮއިންޓް ދިނުމުގެ އުސޫލެއް ކަނޑައަޅައި، އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 1 ނޮވެމްބަރު 2019ގައި އެމްޕީއެލް އިން ހުޅުވާލިއެވެ. އަދި އާންމުކުރެވުނު ވަގުތީ ލިސްޓަށް ހުށަހެޅުނު ޝަކުވާތައް އިވެލުއޭޓް ކުރުމަށްފަހު، މިއަދުވަނީ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.

އެމްޕީއެލް އިން މައުލޫމާތު ދީފައިވާ ގޮތުގައި، ދާއިމީ ލިސްޓުގައި ހިމެނޭ މުވައްޒިފުންނަށް ފްލެޓް ގަތުމުގައި ތިން ގޮތެއް އިހްތިޔާރުކުރެވޭނެއެވެ. މިގޮތުން، އެކީ އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް އެއްބަސްވުމުގައި ސޮއި ކުރާތާ ތިން މަސް ތެރޭގައި ފައިސާ ދައްކަންޖެހެއެވެ. މި ފަރާތްތަކަށް 7 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެކަމަށްވެސް އެމްޕީއެލް އިން ވަނީ ބުނެފައެވެ. 

ދެވަނަ ގޮތަކީ އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމެވެ. އަދި ތިންވަނަ ގޮތަކީ ފައިނޭންޝިއަލް އިންސްޓިޓިއުޓަކުން ލޯން ހަމަޖެއްސުމެވެ. 

އެމްޕީއެލް އިން ބިނާކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ޕްރޮޖެކްޓް އަކީ 566،576،219.88 ރުފިޔާ ހަރަދުކޮށްގެން ގާއިމްކޮށްފައިވާ ފްލެޓްތަކެކެވެ. މި މަޝްރޫއުގެ ދަށުން 15 ބުރީގެ 3 ޓަވަރު ގާއިމްކޮށްފައިވެއެވެ. ކުރިން މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެކަމަށް އިއުލާންކުރި ނަމަވެސް، ކޮވިޑްގެ ސަބަބުން މިހާރު މަޝްރޫއު ނިންމާލެވޭނެކަމަށް ބަލަނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހަށެވެ.

މި މަޝްރޫއުގައި ބިނާކޮށްފައިވަނީ 1 ކޮޓަރި ފްލެޓްތަކާއި 1+2 ކޮޓަރި ފްލެޓްތަކެވެ. މި ފްލެޓްތަކުގެ އަދު 800،000 ރުފިޔާއިން ފެށިގެން 1،535،821 ރުފިޔާއަށް އަރައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.