ނުރައްކާތެރި ބައްޔެއްކަމަށްވާ ޓީބީ ބަލިން ދިފާއުވުމަށްޓަކައި ތުއްތުކުދިންނަށް ދެވޭ ބީ.ސީ.ޖީ ވެކްސިންގެ 2400 ވައިލް ދިވެހިރާއްޖެއަށް އިންޑިއާ ސަރުކާރުން ހަދިޔާކޮށްފިއެވެ. 

މިއީ ރާއްޖޭގެ ނެޝަނަލް އިމިއުނައިޒޭޝަން ޕްރޮގްރާމްއަށް ދިމާވެފައިވާ
ބީ.ސީ.ޖީ ވެކްސިންގެ ދަތިކަން ފޫބެއްދުމަށްޓަކައި، އިންޑިއާ ސަރުކާރުން ވެލައްވާފައިވާ އެހީއެކެވެ. މި ވެކްސިން ހޯދުމުގެ މަސައްކަތްކޮށްފައިވަނީ ރާއްޖޭގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި، ދިއްލީ ގައި ހުންނަ ހައި ކޮމިޝަން، އަދި މުމްބާއިގައި ހުންނަވާ ދިވެހިރާއްޖޭގެ
އޮނޮރަރީ ކޮންސުލް ގުޅިގެންނެވެ.

ބީ.ސީ.ޖީ ވެކްސިންގެ 2400 ވައިލްސް އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާއިރު، މީގެ ކުރިންވެސް އިންޑިއާއިން ވަނީ ތަފާތު ބަލިތަކުގެ ވެކްސިން ރާއްޖޭގެ އެދުމަށް ފޯރުކޮށްދީފައެވެ. އެގޮތުން، މި އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ދިވެހިރާއްޖެއަށް
މީސްލްސް – ރުބެއްލާ ވެކްސިންގެ 30،000 ޑޯޒް ފޯރުކޮށްދީފައިވެއެވެ. 

މީގެއިތުރުންވެސް، ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާކުރުމަށް އިންޑިއާއިން ވަނީ ގިނަ އެހީތަކެއް ވެލައްވާފައެވެ. އެގޮތުން ކޮވިޑް-19ގެ ހާލަތާއި ގުޅިގެން، މި އަހަރުގެ މާރޗު މަހުގެ ތެރޭގައި ކޮޮވިޑް-19 އާއި ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެހީތެރިވުމަށް ޑޮކްޓަރުންނާއި
ސްޕެޝަލިސްޓުންގެ ހާއްސަ ޓީމެއް ރާއްޖެއަށް ފޮނުވާފައިވެއެވެ. އަދި އޭޕްރިލް މަހު 5.5 ޓަނުގެ ބޭހުގެ ކޮންސައިންމެންޓްއެއް ގެނެސްދެވި، 6.2 ޓަނުގެ ބޭހުގެ
ޝިޕްމެންޓެއް އިންޑިއާގެ 4 ޝަހަރަކުން ވަނީ އިންޑިއަން އެއާ ފޯސް މެދުވެރިކޮށް ގެނެސްދެއްވާފައެވެ.

ކޮވިޑް-19ގެ ސަބަބުން ގިނަ ގައުމްތަކުގެ ބޯޑަރުތައް ބަންދުކޮށް ސިއްހީ ފަރުވާއަށް އެހެން ގައުމްތަކަށް ދިޔުން ހުއްޓުމަކަށް އައިސްފައިވާ މި ދަނޑިވަޅުގައި ދިވެހިންނަށް ބޭސްފަރުވާ ކުރުމަށް އިންޑިއާއަށް ދަތުރުކުރެވޭނެ މަގުވެސް އެ ގައުމުން ވަނީ ފަހިކޮށްދީފައެވެ. 

އިންޑިއަން ހައި ކޮމިޝަނުން މިއަދު މައުލޫމާތު ދީފައިވާ ގޮތުގައި، އެ ގައުމުން އަބަދުވެސް މަސައްކަތް ކުރާނީ ނެއިބަހުޑް ފަސްޓް ޕޮލިސީގެ ދަށުންނެވެ. އެގޮތުން، ފޯރުކޮށްދިނުމަށް ނިންމާފައިވާ ބީ.ސީ.ޖީ ވެކްސިންގެ 2400 ވައިލް މިއަދުގެ ވަގުތެއްގައި ދިވެހިރާއްޖެއަށް އަންނާނެއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.