ކޮވިޑް 19 ގެ ވެކްސިން ހޯދުމަށް އެސްޓްރާޒެނެކާއާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފިއެވެ. 

ފިނޭންސް މިނިސްޓްރީން ނެރުނު ޤަރާރެއްގަައި ބުނެފައިވަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ ބަލިމަޑުކަމުގެ ސަބަބުން ދިވެހިރާއްޖޭގައި ޢާއްމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ޢިއުލާނުކޮށްފައިވާއިރު، އެ ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމަށްޓަކައި ދިވެހި ސަރުކާރާއި ސިންގަޕޫރުގެ ކުންފުންޏެއް ކަމުގައިވާ އެސްޓްރާޒެނެކާ ސިންގަޕޯރ ޕީ.ޓީ.އީ. އެލް.ޓީ.ޑީ.އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.

އަދި ވެކްސިންއަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށްވެސް ބޭނުންޖެހިފައިވާ ވެކްސިންއަކަށްވުމާއި، އެ ވެކްސިން މިވަގުތު ވަކި ބައެއްގެ ފަރާތުން މެނުވީ ލިބެން ނެތުމުގެ ސަބަބުން، އެ ވެކްސިން މުޅި ދުނިޔޭގައިވެސް ދޫކުރަމުންދަނީ ޕްރޮކިއުމަންޓުގެ ޚާއްޞަ އުޞޫލުތަކެއްގެ ދަށުން ކަމުގައި ޤަރާރުގައި ބުނެފައިވެއެވެ. 

ފިނޭންސް މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ބޭނުންވާ ވެކްސިން ހޯދުމުގެ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ނިންމާފައިވާކަމަށެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދު ގެ 1-1.02 ވަނަ މާއްދާއިން، ލިބިދޭ ބާރުގެ ދަށުން، އެ އެއްބަސްވުމުގައި ސޮއިކޮށް އެ އެއްބަސްވުން ތަންފީޛުކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭގޮތަށް ނިންމާފައިވާކަމަށް މިނިސްޓަރ އަމީރު ސޮއިކުރައްވާ ނެރުއްވި ޤަރާރުގައި ބުނެފައިވެއެވެ.

އަމަލުކުރަން ނުޖެހޭގޮތަށް ނިންމާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.43 ވަނަ މާއްދާއަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.52 ވަނަ މާއްދާއަށެވެ. އަދި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.67 ވަނަ މާއްދާއަށާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.71 ވަނަ މާއްދާއަށެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޤަރާރުގައި ފާހަގަކޮށްފައިވާ މާއްދާތަކަށް ޢަމަލު ކުރަން ނުޖެހޭ ގޮތަށް ނިންމާފައިވަނީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާއާއެކު ސޮއިކުރެވޭ އެއްބަސްވުމާ ގުޅޭގޮތުން ކަމަށެވެ. އަދި އެ އެއްބަސްވުމުގެ މުއްދަތުގައި އެކަންކަމާ ގުޅޭގޮތުން ޢަމަލުކުރަންވާނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ފަދައިން ކަމަށް ނިންމާފައިވާކަމަށް އެ ޤަރާރުގައި ބުނެފައިވެއެވެ. އޭގެ އިތުރުން، އެ އެއްބަސްވުމުގެ ދަށުން ކުރާ ޚަރަދުތަކުގެ އިންޓަރނަލް އޮޑިޓެއް މިނިސްޓްރީ އޮފް ފިނޭންސްއިން ކުރިއަށް ގެންދާނެކަން ފާހަގަކޮށް، އެ ޚަރަދުތައް މިނިސްޓްރީ އޮފް ހެލްތުގެ މާލީ ޒިންމާދާރު ވެރިޔާ ޚާއްޞަ ސަމާލުކަމެއް ދީގެން ބެލުމަށް އަންގަކަމަށްވެސް އެ ޤަރާރުގައިވެއެވެ.

އޮކްސްފޯޑް ޔުނިވަރސިޓީ އާއި އެސްޓްރަޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ އިނގެރޭސި ސަރުކާރުން ދީފައިވަނީ ބުދަ ދުވަހު އެވެ. އެ ވެކްސިން ބޭނުންކުރުމުގެ ރަސްމީ ހުއްދަދިން ހަމައެކަނި ޤައުމަކީވެސް އިނގެރޭސިވިލާތެވެ. މި ވެކްސިނަކީ އާންމުކޮށް ވެކްސިން ރައްކާކުރުމަށް ބޭނުންކުރާ ޓެމްޕަރޭޗަރގައި ރައްކާކޮށް، ބޭނުންކުރެވޭ ވެކްސިނެކެވެ. އެކަމުގެ ސަބަބުން ވެކްސިނަށް ކުރަންޖެހޭ ހަރަދުތައް ކުޑަވެ، ގިނަ ބަޔަކަށް ވެކްސިން ލިބުމުގެ ފުރުސަތު މި ވެކްސިނާއެކު ލިބިގެންގޮސްފަވެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published.